މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލް މަޖިލީހަށް ތައާރަފުކޮށް ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ބިލްގައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުގެ މަސައްކަތްތަކާއި މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ އެ އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުރެ، މިނިސްޓްރީން ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.
މިމައްސަަލަތައް ކުރިމަތިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލެއް މަޖިލީހަށް ހުށަހަޅާ، ފާސްކުރުމަށްފަހު އެ އޮތޯރިޓީ އަށް ބޮޑެތި ބާރުތަކެއް ދީފައިވަނިކޮށް މިސަރުކާރު ވެރިކަމާ ހަވާލުވެ އަލުން ޓްރާންސްޕޯޓް މިނިސްޓްރީ އުފެއްދުމަށްފަހު އެ މިނިސްޓްރީގެ ދަށަށް ޓްރާންސްޕޯޓް އޮތޯރިޓީ ބަދަލުކުރި ހިސާބުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވާނެ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އަދި އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއްވެސް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.