މުހައްމަދު މަލީހު ޖަމާލް

ކޮމެޓީން ނިންމީ މަލީހަށް ނަސޭހަތް ދޭން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުވާ ގޮތަށް މަޖިލީހުގެ ތަޅުމުގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކަ އާއި ގުޅިގެން ނަސޭހަތުގެ ސިޓީއެއް ފޮނުވުމަށް އިމްތިޔާޒް އަދި ސްލޫކް ކޮމިޓީން ނިންމައިފި އެވެ.

ހޯމަ ދުވަހު މަލީހް ކޮމިޓީއަށް ހާޒިރު ކުރީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މި މަހުގެ އެއްވަނަ ދުވަހު ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ތެރެއިން މަޖިލީހުގެ ތަޅުމުގައި މެންބަރުންނަށް އަމާޒުވާ ގޮތަށް ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

އެގޮތުން ވަޒީރެއްގެ ހައިސިއްޔަތުން މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މަލީހް ވަނީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވެވީ ވެސް އެކަމާ ގުޅިގެން ކަމަށް މަލީހް އެ ދުވަހު ވިދާޅުވި އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ހޯމަ ދުވަހު ކޮމިޓީއަށް ހާޒިރު ކުރައްވައި ސުވާލު ކުރުމުން މަޖީހުގެ ފަރާތްޕުޅުން އެދެވިގެންވާ ޖަވާބެއް ލިބިފައި ނުވާތީ، އެދުވަހު މަޖިލީހުގެ ތަޅުމުގައި ދައްކަވާފައި ވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަން ފާހަގަކޮށް ނަސޭހަތުގެ ސިޓީއެއް ފޮނުވުމަށް ކޮމިޓީ އިން މިއަދު ވަނީ ފާސްކޮށްފަ އެވެ.

"މަލީހު ވަނީ މިނިސްޓަރު ކަމުން ވަކިވެފައި، މިނިސްޓަރެއްގެ މަގާމުގަ ހުންނަވައިގެން ގާނޫނާ ހިލާފު އަދި މަޖިލީހުގެ އިމްތިޔާޒަށް ތައާރުޒްވާ ވާހަކައެއް ދައްކަވައިފި ނަމަ މަސައްލަ ކުރިއަށް ގެންދަން ޖެހޭނެ. އެކަމަކު މިހާރު މައްސަލަ ބެލުން މުހިންމެއް ނޫން" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ މައްސަލަ ބެލުން މުހިންމު ނޫން ކަމަށެވެ. އެހެންނަމަވެސް މަލީހު މަޖިލީހުގައި ދެއްކެވީ އަސާސެއް ނެތް ވާހަކަތަކެއް ކަމުން އެކަން ފާހަގަކޮށް ސިޓީއަކުން ނަސޭހަތްތެރި ވުމަށް ވަނީ ނިންމާފަ އެވެ.