ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާގައި ޕްރެސްއެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތުތައް އިންޑިއާއަށް ހިއްސާ ކުރަން "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްފައިވި އެވެ.

އެ ޕްރެސްގައި އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ހުސެން ނިޔާޒެވެ.

ރާއްޖެއިން ހިއްސާކޮށްފައި ވަނީ 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކާއި ރާއްޖެއާ އިންޑިއާއާ ދެމެދު ހަދާފައިވާ ޓްރެވެލް ބަބުލްގެ މައުލޫމާތު ތަކެވެ.

އަދި ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމާއި ކޮވިޑާ ގުޅިގެން ރާއްޖެއިން އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫތުތައް ދިން އިރު އެ ޕްރެސްގެ ފަހުން ނިއު ދިއްލީގައި ރޯޑް ޝޯއެއް ބާއްވައި އިންޑިއާގެ މުހިންމު ޓުއާ އޮޕަރޭޓަރުންނާއި ބައްދަލު ކުރި އެވެ.

މި ރޯޑް ޝޯގައި ރާއްޖޭގެ 11 ކުންފުންޏަކުން ބައިވެރިވެ އިންޑިއާގެ 100 އަށްވުރެ ގިނަ އެޖެންޓުންނާ ބައްދަލުކޮށް ވިޔަފާރީގެ މުއާމަލާތް ކުރި އެވެ.

މި މަހުގެ 26 އިން 28 އަށް ދިއްލީގައި ބާއްވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް ފެއާގައި ވެސް ރާއްޖެއިން ބައިވެރިވާނެ އެވެ.