އެމްއެމްއޭ

ވިސާ ކާޑުގެ މުއާމަލާތް ރުފިޔާއިން ކުރަން އެންގީ ކީއްވެ؟

Mar 25, 2021

އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ކުރާ ވިސާ ކާޑުގެ މުއާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ. މި ބަދަލާއެކު، ބޭންކަކުން އިޝޫ ކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ ހުރިހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރަން ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއާ ކުރާ ފަރާތްތަކަށް މަރުކަޒީ ބޭންކުން ވަނީ އަންގާފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި އެންގުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ކާޑަކުން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ހެދުމަށް ބާރުއެޅުމެވެ. އަދި، ހިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކާޑުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މަގުފަހި ކުރުމެވެ.

ވަކި ކާޑު ނެޓުވޯކަކަށް ހާއްސަކޮށް މި ފަދަ އެންގުމެއް އެންގީ ކީއްވެ؟

މި ވަގުތު ނޭޝަނަލް ނެޓް ސެޓްލްމަންޓް ސާވިސްގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކޮށްފައިވަނީ ވިސާއިން ކަމުން، ކާޑު ދޫކުރާ ބޭންކުން ޕޭމަންޓް އެކުއަޔާ ކުރުމުގެ ހިދުމަތްދޭ ފަރާތަށް، ކަސްޓަމަރުން ކޮށްފައިވާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ހަމަޖެހިފައި ވަނީ ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.

މީގެ ކުރިން ވިސާ ކާޑުގެ ސެޓްލްމަންޓް ކުރީ ކިހިނެއް؟

ވިސާ ގެ 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފުވުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތައް ޕްރޮސެސް ކުރެވެނީ ރާއްޖޭން ބޭރުގެ ޓްރާސެކްޝަނެއްގެ ގޮތުގައެވެ. އެހެންކަމުން އެ ޓްރާންސެކްޝަނަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ މެދުގައި (ބޭންކްތައް އަދި ބޭންކް ނޫން ކާޑު އެކުއަޔަރިންގ ގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި) ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައި ވަނީ ޔޫ.އެސް
ޑޮލަރުންނެވެ.

އެހެން ކާޑު ނެޓްވޯކް ތަކުން ކުރާ މުއާމަލާތްތަކަށް ބަދަލެއް އަތުވެދާނެ ތަ؟

ނޭޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް ގެ ހިދުމަތް ރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމުން، މި ނިންމުން މިވަގުތު ހިނގާނީ ހަމައެކަނި ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.

އާންމުންގެ ޑޮލަރު އެކައުންޓްތަކަށް މީގެން އަސަރު ކުރާނެ ތަ؟

އާންމު ފަރުދުންގެ ޑޮލަރު އެކައުންޓްތަކަށް އަދި އެކައުންޓްތަކުގައި ރައްކާ ކުރެވިފައިހުރި ޑޮލަރަށް، މި ނިންމުމާއި ގުޅިގެން އެއްވެސް ބަދަލެއް ނާންނާނެއެވެ.

ރިސޯޓް / ގެސްޓްހައުސްގައި ވިސާ ކާޑުން ހިންގާ ފައިސާގެ މުއާމަލާތް ތަކަށް ބަދަލު އަންނާނެ ތަ؟

މި ނިންމުމުގެ ސަބަބުން ފައިސާ ދައްކާ ފަރާތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަން ތަނަށް ފައިސާ ދެއްކުމުގައި ބޭނުންކުރަނީ ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ކަމުގައިވާ ނަމަ އެ ކާޑަކުން ފައިސާ ބަލައިގަންނަން ޖެހޭނީ ދިވެހި ރުފިޔާ އިންނެވެ.

އަމިއްލަ ފަރުދުން އަދި ވިޔަފާރި އެކައުންޓްގައި ހުންނަ ޑޮލަރުން މުއާމަލާތްތަކަށް ހުރައެއް އެބައޮތް ތަ؟

މި ނިންމުމާއި ގުޅިގެން އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކުގައި އަދި ވިޔަފާރިތަކުގެ ބޭންކް އެކައުންޓްތަކުގައި ހުރި ޑޮލަރުން ހަދާ އެހެން ޓްރާންސެކްޝަންތައް ހެދު މަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.