އީގަލްސް

އީގަލްސްގެ ފުރަތަމަ އަންހެން ޗެއާޕާސަން

ކުލަބު އީގަލްސްގެ ޗެއާޕާސަން ކަމަށް، އެ ކުލަބުގެ ކުރީގެ ޗެއާމަން ސަރަނގު އާދަމް މަނިކުގެ ދަރިކަނބަލުން ފާތިމަތު ސައުދު (ތާތު) ހަވާލުވެއްޖެ އެވެ.

ތާތު، މިއަދު ވަނީ އީގަލްސްގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެފްއޭއެމްގެ ވެރިންނާ ބައްދަލު ކުރައްވާފަ އެވެ. "އަވަސް" އާ ވާހަކަ ތާތު ވިދާޅުވީ އީގަލްސް އަކީ އޭނާ ވަރަށް ގާތުން ދަންނަ ކުލަބެއް ކަމަށެވެ. އަދި އަންހެނުންނަށްވެސް ފުޓުބޯޅަ ކުލަބެއް ހިންގިދާނެ ކަމަށް އޭނާ ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ތާތު ވިދާޅުވި އެވެ.

"އީގަލްސް އަކީ އެ ކުލަބެއް ހިނގާ ގޮތާ މެދު ކުރިންވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް މައުލޫމާތު ލިބިފައި އޮންނަ ކުލަބެއް،" ތާތު ވިދާޅުވި އެވެ. "މި ކުލަބުގެ މަސައްކަތެއް އަޅުގަނޑަކަށް އަލެއް ނުވާނެ. އަދި އަންހެނުން އަމަލީ ގޮތުން އެހާ ޝާމިލުވެ ނޫޅޭ ދާއިރާއެއް ވީމަ އަޅުގަނޑު ބޭނުން ސާބިތުކޮށްދޭން އަންހެނުންނަށްވެސް މިކަން ކުރެވޭނެކަން."

ތާތު ވެގެންދާނީ، ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ ފުޓްބޯޅަ ކުލަބެއްގެ ޗެއާޕާސަންކަން ކުރާ ދެވަނަ އަންހެން ޗެއާޕާސަނަށެވެ. ކުލަބެއްގެ ޗެއާޕާސަންކަން ކުރެއްވި، އެންމެ ފުރަތަމަ އަންހެނަކީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަންކަން ކުރިން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ފަހުން ވިކްޓަރީގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ވިދިވިދިގެން ދެ ބޭކަނބަލަކު ކުރެއްވި އެވެ.

"އަންހެނަކަށްވެސް މިކަން ކުރެވޭނެ." ހޮސްޕިޓަލްޓީ މެނޭޖުމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލުކުރެއްވި ތާތު ވިދާޅުވި އެވެ.

ތާތު ވަނީ، ކުލަބު އީގަލްސްގެ ޕްރެކްޓިސް ބަލާލުމަށް މިދިޔަ ހޯމަ ދުވަހު، ހެންވޭރު ދަނޑަށް ޒިޔާރަތްކޮށް ކުލަބުގެ އޮފިޝަލުންނާ ބައްދަލު ކޮށްފައެވެ.