މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރުގެ ހާދިސާތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަނީ

ވިޔަފާރި ބަނދަރު އެމްޕީއެލްގައި މިފަހުން ހިންގި ނުރާއްކާތެރި ހާދިސާތަކާ ގުޅިގެން އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަނދަރުގައި މިފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި ދެ މަޖޫރީއަކު މަރުވި އެވެ. އެކަކު ބިއްލޫރި ޕެލެޓެއްގައި ތާށިވެގެން މަރުވިއިރު އަނެއް މަޖޫރީ މަރުވީ ކާޕެޓް ރޯލެއް ވެއްޓި ލިބުނު ޒަހަމުތަކާއި ގުޅިގެންނެވެ.

އެ ހާދިސާތައް ދިރާސާކޮށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ގިނަ ކަންތައްތަކެއް ކުރަން ހުށަހަޅާފައި ވެއެވެ. އެ ހުށަހެޅުންތައް ފާސްކުރަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ފެންނަކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ.

ހާދިސާތަކާ ގުޅިގެން އެމްޕީއެލްގެ އިންވެސްޓިގޭޝަން ކޮމެޓީން ވެސް ވަނީ އިންވެސްޓިގޭޝަން ރިޕޯޓެއް ތައްޔާރުކޮށްފައި ވެއެވެ. އަދި އެކަމުގައި އިހްމާލުވި ފަރާތްތައް އެ ރިޕޯޓްގައި ހިމަނައިފައިވާއިރު އެ ފަރާތްތަކާމެދު އެމްޕީއެލްއިން ފިޔަވަޅު އަޅައި އަދި ފުލުހުން ލައްވާ އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގް ހިންގަން އެސްއޯއީ ކޮމެޓީން އޮތީ ފާސްކޮށްފަ އެވެ.

އެމްޕީއެލްގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވެސް ލަފާދީފައި ވެއެވެ.

އެސްއޯއީ ކޮމެޓީން ލަފާދިން އިތުރު ކަންކަން

  • ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރަން ބަނދަރުތަކާ ބެހޭ ގާނޫނެއް ހެދުން،
  • މުދާ ކްލިއާކުރަން ވަންނަ އެޖެންޓުންނާ ގުޅޭ "ކްލިއަރެންސް އެޖެންޓް ރެޖިސްޓްރޭޝަން ގަވައިދު" އިސްލާހުކުރުން،
  • ކޮންޓެއިނާ ޔާޑާއި ޕޯޓްސް ކްލިއަރެންސް އޭރިއާ ވަކިކުރުން،
  • ބަނދަރުގެ ކަންކަން ހިނގާގޮތް ބަލައި މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުން،