ދުނިޔެ

ސުއޭޒް ކެނަލް: ދަތުރުތައް އަލުން ފަށައިފި

ސުއޭޒް ކެނަލްގައި ބިޔަ ބޯޓެއް ބީހި މަގުބަންދުވުމާ ގުޅިގެން ސުއޭޒް ކެނަލް އޮތޯރިޓީން ކުރިން ބޭނުންކުރި މުސްކުޅި ކެނަލް ހުޅުވައިފި އެވެ. އެއީ ބީހިފައި އޮތް ކާގޯ ބޯޓް ފުންކުރެވެންދެން ކިޔޫގައި ހުރި ބޯޓަފަހަރަށް މަގުފަހިކޮށް ދިނުމަށެވެ.

ސުއޭޒް ކެނަލް އޮތޯރިޓީއިން ބުނީ ކާގޯ ބޯޓް، "އެވާ ގިވަން" ބީހެން މެދުވެރިވީ ވެލިތޫފާނެއްގެ ސަބަބުން މޫސުން ގޯސްވެ ތަންދޮރު އޮޅުން ނުފިލައިގެން ކަމަށެވެ. ގަދަ ވަޔާއެކު ބޯޓަށްއެރި ލޮޅުމުގައި ކޮންޓްރޯލުން ނެއްޓި ބޯޓް ކެނަލްއަށް ހުރަސްވެ ތާށިވީ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 400 މީޓަރު، ހަތަރު ފުޓުބޯޅަ ދަނޑު ވަރުގެ ދިގު ކާގޯ ބޯޓް ސުއޭޒް ކަނޑުއޮޅީގައި ތާށިވުމުން މުޅި ސަރަހައްދު އޮތީ ތޮއްޖެހިފަ އެވެ. މިކަނޑުއޮޅި އަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރުކުރާ ބޯޓްފަހަރު މިކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ.

އެވާ ގިވަން ރެޖިސްޓާކޮށްފައި ވަނީ ޕެނަމާގަ އެވެ. އޮޕަރޭޓް ކުރަނީ އެވާގްރީން ކުންފުނިންނެވެ. ބޯޓް ދަތުރުކޮށްފައި ދަނީ ޗައިނާ /މެލޭޝިއާއިން ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށް 220،000 ޓަނަށް ވުރެ ގިނަ ކާގޯ އަރުވައިގެންނެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނާ ގޮތުން މިދިއަ އަހަރު 18،929 ބޯޓު ސުއޭޒް ކަނޑުއޮޅީ ހުރަސްކުރި އެވެ. އެއީ ޖުމުލަ 1.17 ބިލިއަން ޓަންގެ ކާގޯ އެވެ.

ސުއޭޒް ކަނޑުއޮޅި އަކީ މިސްރަށް އާމްދަނީ ހޯދާއިދޭ މަގެކެވެ. މި ކަނޑުއޮޅި ފުޅާކޮށް ފައިދާ އިތުރު ކުރުމަށް މިސްރުން އަށް ބިލިއަން ޑޮލަރު ހޭދަކޮށް އާކަނޑުއޮޅި އެވަނީ ތަނަވަސް ކޮށްފަ އެވެ.

އެވާގްރީންއިން ބުނާ ގޮތުން ބޯޓް ފުންނުވެއްޖެ ނަމަ ކޮންޓެއިނާ ހުސްކުރަންޖެހިދާނެ އެވެ. މިމަސައްކަތްތަކަށް ނަގާނެ މުއްދަތު ނޭނގޭ ކަމަށް އޮޕަރޭޓްކުރާ ކުންފުނިން ބުނެ އެވެ. މިސްރުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތު ބަލައިން ފުންކުރެވެތޯ ޓަގްބޯޓައް ފޮނުވާވަފަ އެވެ. މިކަނޑުއޮޅިއަށް އޮތް ބޭނުންތެރިކަން ބޮޑުކަމުން މިފަދަ ހާދިސާތައް ދޭތެެރެ ދޭތެރެއިން ހިނގަ އެވެ.