ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބަށް 7700 އޮފިޝަލުން ހަމަކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އޮފިޝަލުން ހަމަކުރުން އެއީ އެންމެ އުދަގޫވި ކަންކަމުގެ ތެރޭގައި ހިމެނުނު ކަމެއް ކަމަށެވެ. ނަމަވެސް އިންތިހާބަށް ބޭނުންވާ އޮފިޝަލުން މިހާރު ހަމަކުރެވި އެ މީހުންނަށް ތަމްރީން ދިނުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ކަމަށެވެ.

"އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދޭ. މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން ދެބައިކުޅަ އެއްބައި އޮފިޝަލުން ތަމްރީން ކުރެވިއްޖެ،" ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 7700 އޮފިޝަލުން މަސައްކަތް ކުރާނެ ކަމަށްވެސް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހަމަކުރެވިފައި މިވަނީ އޮފިޝަލުން ހޯދުމަށް އެކި ފަހަރުމަތިން ކުރެވުނު އިއުލާންތަކަކަށްފަހު އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އޮފިޝަލުން ހަމަކުރެވުނު ނަމަވެސް އޮފިޝަލުންގެ ބެކަޕް ފޯސްއެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު ކުރަމުން ދަނީ ބެކަޕް ފޯސް އަށް ބޭނުންވާ 400 މީހުން ހޯދުމުގެ މަސައްކަތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލީ 2400 ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ އެ މީހުންގެ ނަން އަނބުރާ ގެންގޮސްފަ އެވެ.