"ޝުމްބާ ގޮންގް" ގެ ވަނަމުން ސޯޝަލް މީޑިއާގައި މަޝްހޫރު އަހުމަދު އަޝްރަފް މިހާރު އެ ވަނީ "ފިނިފެންމާ" ލޯންޗު ގޮއްވާލި ތަހުގީގަށް އަވަށްޓެރި ސްރީލަންކާ އިން ހައްޔަރުކޮށް މާލެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފަ އެވެ.
ރައީސް އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އިސް ސޯޝަލް މީޑިއާ އެކްޓިވިސްޓް ކަމަށްވާ ޝުމްބާ އަކީ އަބަދުވެސް ނިކަން އަޑުގަދަކޮށްލައިގެން މޭ ފުއްޕާލައިގެން އުޅުނު "ކުއްޖެކެވެ." ބައެއް މީހުން ސިފަކުރާ ގޮތުން ނިކަން "ބަސް ނާހައި އުޅުނު ކުޑަ ކުއްޖެ" ކެވެ.
އެހެން ނަމަވެސް ލޯންޗު ގޮއްވާލި ތަހުގީގަށް އޭނާ "ވޯންޓެޑް ލިސްޓަށް އަރުވައި" ސަރުކާރުން އޭނާ ހޯދަން އިއުލާނުކުރުމުން އެންމެފަހުން "ސައިޒްވީ" އެވެ. އޭނާގެ "ސައިޒް" އެންމެ ރަނގަޅަށް ފެނިގެން ދަނީ އޭނާ ހައްޔަރުކުރުމަށް ލަންކާގެ ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކުންނެވެ.
އެ ވީޑިއޯއެއް ލަންކާގެ މީޑިޔާތަކުން އާއްމުކޮށްފައިވާއިރު ސޯޝަލް މީޑިއާގެ ދިވެހިންގެ އައްސޭރިފަށުގައި ވެސް މިހާރު މި ވީޑިއޯއެއް ދަނީ ވައިރަލްވަމުންނެވެ.
މި ވީޑިއޯ އިން ފެންނަ ގޮތުގައި "ޝުމްބާ ގޮންގް" ހައްޔަރު ކުރަން ލަންކާ ފުލުހުން އެ ގެއަށް ވަންނަނީ ވެސް ހަތިޔާރާ އެކުގަ އެވެ. ފުލުހުން ވަންނައިރު އޭނާ އުޅޭ ގޭގައި އިތުރު ބަޔަކު ވެސް ތިބޭތަން ފެނެ އެވެ. އަދި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެ ގެއަށް ވަތްއިރު ޒުވާން ފުރައިގެ އަންހެން ކުއްޖަކާއި މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކުވެސް އެ ގޭގެގައި ހުއްޓެވެ. އަދި މޫނު ބުރުގާ އަޅައިގެން ހުރި އަންހެން މީހާ ސިންހަޅަ ބަހުން ފުލުހުންނާ ވާހަކަ ދައްކަމުން ދެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކޮޓަރީގައި ހުރި ލެޕްޓޮޕަކާއި ފޯނުފަދަ އަދި ކޮމްޕިއުޓަރު ސިސްޓަމް ފަދަ ތަކެތި ގެންގޮސްފައިވެ އެވެ.
ސްރީލަންކާ ފުލުހުން ވަނީ ޝުމްބާ ގޮންގް ހައްޔަރު ކުރުމަށްފަހު ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސުމްބާ ހައްޔަރުކޮށްފައިވަނީ ފިނިފެންމާ ގޮވުމުގެ ހާދިސާއާ ގުޅިގެންނެވެ. އަދި އޭނާ ދޫނިދޫގައި ބަންދުކޮށްފައިވާއިރު، ސުމްބާގެ ބަންދަށް ވަނީ 15 ދުވަސް ކޯޓުން ޖަހައި ދީފަ އެވެ.