ރޭޕް

ރޭޕްކުރި މައްސަލަ އަވަހަށް ތަހުގީގުކުރަން މަޑުއްވަރީ ކައުންސިލުން ގޮވާލައިފި

ރ. މަޑުއްވަރީގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ އަވަހަށް ތަހުގީގްކޮށްދިނުމަށް އެރަށުގެ ކައުންސިލްއިން ގޮވާލައިފި އެވެ.

މަޑުއްވަރީގައި ހިނގި ކަމަށް ބުނާ ރޭޕްގެ މައްސަލައާއި ގުޅިގެން އެކަމުގައި ޝާމިލްވާ ފަރާތްތައް ހައްޔަރުކުރަން ގޮވާލައި މަގުތަކަށް ނުކުމެ އެރަށުގެ ރައްޔިތުން ދަނީ އިހުތިޖާޖްކުރަމުންނެވެ.

ރޭޕްގެ ތުހުމަތު ޓީޗަރަކާއި ޕޮލިހަކަށް ވެސް ކުރެވޭއިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިމައްސަލައިގައި މަޑުއްވަރީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލައަކީ ފުލުހުން މިހާރު ތަހުގީގްކުރަމުންދާ ކަމަކަށްވާތީ ހާދިސާގެ ތަފްސީލް ލިބިފައި ނުވާ ކަމަށެވެ. އަދި ރޭޕްގައި ޝާމިލްވާ ފަރާތްތަކަަށް އެންމެ ހަރުކަށި އަދަބު ދޭން ވެސް ވަނީ ގޮވާލަފަ އެެވެ.

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ބަދުއަހްލާގީ އަމަލު ހިންގާފައިވާ މިމައްސަލައަކީ މިކައުންސިލުން ވަރަށް ކަންބޮޑުވާ އަދި ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ. އަދި މިމައްސަލަ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް، މައްސަލައާއި ގުޅުންހުރި މައުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށާއި، މިހަޑިމުޑުދާރު ފިނޑި އަމަލު ހިންގި ފަރާތްތަކާއި، މިކަމުގައި އެކި ގޮތްގޮތުން ޝާމިލްވާ އެންމެހާ ފަރާތްތަކަށް، ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

މަޑުއްވަރީގެ ރައްޔިތުން މަގުމަތީގައި އިހުތިޖާޖް ކުރާއިރު ކޮވިޑާ ގުޅިގެން އެރަށް މިހާރު އޮތީވެސް މޮނީޓަރިންގެ ހާލަތުގަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވެސް އެ ރަށުގައި ކުރިއަށް އެބަދެ އެވެ. އެހެންކަމުން އިހުތިޖާޖް ކުރުމުގައި ސަމާލުވުމަށްވެސް ކައުންސިލުން ވެސް އިލްތިމާސްކޮށްފަ އެވެ.