ފިޔަވަތި

ފިޔަވަތި މަރާމާތުކޮށް އަލުން ހުޅުވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައި ހުރި ފިޔަވަތި އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމާ އެތަން އަލުން ހުޅުވައިފި އެވެ.

މިމަޝްރޫއަށް ހަރަދުކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ އެވެ.

ފިޔަވަތި އިމާރާތް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އާއިޝަތު ރަޝީދު އާއި ޒިފްލީނާ ހަސަން އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި މި މަޝްރޫއަކީ އަކީ އެ ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކޮށް، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރު ކޮށްފައިވެ އެވެ.

މި މަޝްރޫއު ހިންގުނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް، 2019 ގައި ދިން 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.