ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ.
ޗައިނާ އިން ރާއްޖެ ހަދިޔާ ކުރި ސައިނޯފާމް ވެކްސިން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާންގް ލީޖޮންގް އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒްގެ އެއް ބެޗު ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގަައި ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ދެވަނަ ބެޗް މިމަހުގެ 30 ގައި ރާއްޖެ ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވާއިރު އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާ އިން ހަދިޔާކުރި ދެލައްކަ ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، އެ ވެކްސިން ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް، އަނެއް އެއްލައްކަ ޑޯޒް ބަހައްޓާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޑޯޒްތަކެއް ދިވެހި ސަރުކާރާ ހަވާލުކޮށްފައި މިވަނީ ވެކްސިން ބަލައި ޗައިނާއަށް ދިއުމަށް ދިވެހި ސަރުކާރުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ބައެއް ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.