އެމްޑީޕީ

ހައްގުތައް ހިފަހައްޓަން ދައްކާ ވާހަކަ ބަލައިނުގަނެވޭނެ: އެމްޑީޕީ

ސިވިލް ސާވިސްގެ މުވައްޒަފަކަށް ވުމާއެކު ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކުން އެ މުވައްޒަފަކު މަހްރޫމުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ދެއްކެވި ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ދައްކާނަމަ އެއީ ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭންގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގުތައް ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ލިބެންޖެހޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ހައްގުތަކާ ދެކޮޅަށް ދައްކާ އެއްވެސް ވާހަކައަކީ އެމްޑީޕީން ބަލައިގަންނާނެ ވާހަކައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ އެމްޑީޕީ އަކީ ހައްގުތަކަށް ވަކާލާތު ކުރާ ޕާޓީއަކަށް ވާތީ އެ ޕާޓީން އެގޮތުގައި ދެމިތިބޭނެ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް މަޖުބޫރު ކަމެއް ނޯންނާނެ ކަމަށްވެސް ސައިފް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަކީ ހާޒިރީ ބަލައިގެން ސިވިލް ސާވިސް މުވައްޒަފުން ޖަލްސާތަކަށް ގެންނަ ބައެއް ނޫން. އަޅުގަނޑުމެން އެކަންކަމާ އަބަދުވެސް ދެކޮޅު ހަދަން،" ސައިފް ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ ހައްގަކީ ގަނޫނުއަސާސީން ލިބިދީފައިވާ ވަރަށް އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން އެ ހައްގުން ބައެއް ވިޔަސް ހިފެހެއްޓެން ވާނީ ކޮންމެހެން އެކަން ކުރަންޖެހޭ ހާލަތުގައި އެކަން ކުރަންޖެހޭ މިންވަރަށް، އެކަން ރައްދުވާ ފަރާތަކަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުން ފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ކަމަށެވެ. އެމީހުންނަކީ ވަކި ހުދޫދެއެއްގައި ވަކި އުސޫލުތަކަކާއި ވަކި އަހްލާގުތަކަކަށް ތަބާވާން ޖެހޭ ބައެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވަޒީފާގައި އެއްބަސްވުމުގައި ސިވިލް ސާވަންޓުން ސޮއި ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރިޔަސް އެކަމަށް އެއްބަސް ވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ފޭސްބުކްގައި ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ އެއްޗެއް ނުދެއްކޭނެ. އޭނާއަކީ ފޭސްލެސް މީހެއްްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ދެން ނެންގެވި މައްސަލައަކީ އިންތިހާބުތަކުގައި ސިވިލް ސާވަންޓުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ވާހަކަދެއްކުމެވެ. ސަލީމްގެ ނަޒަރުގައި އެފަދަ ވާހަކަތައް ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ލިޔެވިގެން ވެސް ނުވާނެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ވަނީ ސަލީމަށް ފާޑު ކިޔާފަ އެވެ. އަދި އެއީ އެމްޑީޕީ ކަހަލަ ހައްގުތަކަށް މަސައްކަތް ކުރާ ޕާޓީއެއްގެ މެންބަރަކު ދައްކަވައިގެން ވާނެ ފަދަ ވާހަކަތަކެއް ނޫން ކަމަށްވެސް ފާޑުކީ އާންމުން ބުނެފައިވެ އެވެ.