ހއ. ބާރަށު މެޖިސްޓްރޭޓް އަބްދުލްޣަނީ އަލީގެ މައްސަލަ ނުބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޣަނީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ގާނޫނުއަސާސީގައިވާ ފަދައިން ދިފާއީ ވަކީލެއްގެ ހައްގު ނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.
މިމައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ބުނީ ޣަނީގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ކޮމިޝަނުން ނިންމި ކަމަށެވެ.
ކޮމިޝަންގެ ނިންމުމާ ގުޅިގެން ތަހުގީގު ކޮމިޓީން މައްސަލައާއި ގުޅޭގޮތުން މައުލޫމާތުތަކެއް ސާފުކުރި ކަމަށް ޖޭއެސްސީން ބުނެ އެވެ. އެގޮތުން އެއްކުރެވުނު މައުލޫމާތަށް ބަލާއިރު ޣަނީގެ ސުލޫކާ ގުޅޭ މައްސަލަ ކުރިއަށް ގެންދަން ޖެހޭ ފަދަ އެކަށީގެންވާ ތުހުމަތެއް އޮތް ކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިމައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.
މީގެއިތުރުން މިއަދު ޖޭއެސްސީން ވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ވެސް ނިންމާފަ އެވެ. އެގޮތުން މިމަގާމަށް އައްޔަންކުރަން ނިންމީ ލ. މާމެންދޫގައި ހުންނެވި އިސްމެޖިސްޓްރޭޓް އަލީ ޝަރީފް އެވެ.