ކޮވިޑުގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދިނުމަށް ބޭނުން ކުރާނެ ވެންޓިލޭޓަރުތައް ގަތުމުގައި ހިޔާނާތްވެފައިވާތީ އެ ކަމުގައި ޝާމިލްވާ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އެންގުމާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަދި ބަންޑާރަނާއިބުގެ ނާއިބުކަން ކުރީން ކުރެއްވި އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން އޮތީ ނިންމާފައެވެ. އެ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް މިހާރު ވަނީ އަންގާފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ވެންޓިލޭޓަރުތައް ވީތަނެއް ނޭނގޭއިރު ވެންޓިލޭޓަރުތައް ގަންނަން ކަމަށް ބުނެ ގާނޫނާ ހިލާފަށް ދެއްކި ފައިސާތައް އަނބުރާ ހޯދޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެކަންކަމުގެ ޒިންމާ ނަގާނެ ބަޔަކުވެސް ނެތް އިރު ޒިންމާ ކުރުވޭނެ ގޮތެއްވެސް މިހާރު ނެތް ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މިހާރު ފެންނަނީ އެންމެން ގުޅިގެން ވައްކަން ކުރާ މަންޒަރު ކަމަށެވެ.
ވެންޓިލޭޓަރުތައް ވީތަނެއް ނޭނގޭ. ވެންޓިލޭޓަރުތައް ގަންނަން ކަމަށް ބުނެ ގާނޫނާ ހިލާފަށް ދެއްކި ފައިސާތައް އަނބުރާ ހޯދޭނެ ގޮތެއް ނެތް. މިކަމާ ޒިންމާވާނެ ފަރާތެއް ނެތް. ޒިންމާ ކުރުވޭނެ ގޮތެއް ނެތް. މި ފެންނަނީ ހަމަ އެންމެން ގުޅިގެން ކުރާ ވައްކަންއަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު
ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިމެނުނު މައްސަލާގައި 11 ފަރާތަކަށް ދައުވާ ކުރަން ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ނިންމީ ދައުވާ ނުކުރާށެވެ.
ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މައުލޫމާތުތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.
ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި އޭސީސީންވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލަ ނިންމާފައިވެއެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ގާބިލް ކަމާމެދު ސުވާލު އުފެދިފައިވާ އޭސީސީންވެސް ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި މައްސަލައެއް އޮތް ކަމަށް ނިންމާ ދައުވާކުރަން ފޮނުވީ ސިޔާސީ ބޭފުޅުން އެކަން ފެންމަތިކޮށް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަހުންނެވެ.