ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
މަޑުއްވަރީގައި ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ.
ފުލުހުން ބުނީ ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެއީ ދިވެހިން ކަމަށްވެސް ބުންޏެވެ.
މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މަޑުއްވަރީން އަވަސްއާ ވާހަކަދެއްކި ބައެއް މީހުން ބުނީ މި އަންހެން ކުއްޖާގެ މައްސަލަ ރޭގެ ވަގުތެއްގައި މީޑިއާގެ ސަމާލުކަމެއް އައި ނަމަވެސް އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ މީގެ ވިއްސަކަށް ދުވަސް ކުރި ކަމަށެވެ.
މަޑުއްވަރީ ސްކޫލުގެ ގުރޭޑް 8ގައި ކިޔަވަމުންދާ މި ކުއްޖާގެ މައްސަލަ ފެންމަތިވީ ކުއްޖާ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ފެށުމުންނާއި ފިރިހެނަކު ފެންނަ އިރަށް ބިރުން ހަޅޭއްލަވާ ހަދަން ފެށުމުން ރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ކަމަށެވެ.
މިކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުން ކަމަށާއި މި އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް މާލެ ގެނައީ މީގެ 10 ދުވަސް ކުރިން ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
"ރަށުން ހެދެން ހުރި ގޮތަކަށް މި ކުއްޖާގެ ބައެއް ކަހަލަ ޓެސްޓްތައްވެސް މިކޮޅުން ހެދި. އަދި ދުވަސްކޮޅަކަށް މަރުކަޒުގައި ކުއްޖާ ބާއްވާފައި ވެސް އޮތް. އެ ދުވަސްކޮޅު ޖެންޑާ މިނިސްޓްރީގެ ޓީމެއް މިރަށަށް އައިސް ކުއްޖާ ގެންދަން ޖެހޭ ކަމަށް އެމީހުންނަށް ފެނިގެން ކުއްޖާ ގެންދިޔައީ،" މައުލޫމާތު ދިން އަންހެނަކުން ބުނެފައިވެ އެވެ.
އޭނާ ބުނީ އުމުރުން 14 އަހަރުގެ ކުއްޖާ ދައުލަތުގެ ހިމާޔަތަށް ގެންދިޔަ ނަމަވެސް ކުއްޖާގެ މަންމައާއި ބައްޕަ ރަށުގައި އެބަތިބި ކަމަށެވެ. އަންހެން ކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.