ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޯބިން އެކުގައި 66 އަހަރު، ވަކިވީވެސް އެކުއެކުގައި

އެމެރިކާގެ ފްލޮރިޑަގައި ދިރިއުޅުނު ދުވަސްވީ ދެމަފިރިން އެއް ދުވަހަކު ދާދި އެއް ވަގުތެއްގައި ކޮވިޑް-19 ޖެހި ވަނީ މަރުވެފަ އެވެ. ބިލް އާއި އެސްތާ އިލްނިސްކީ މަރުވިއިރު ދެމަފިރިންގެ ކައިވެންޏަށް 66 އަހަރު ވެއްޖެ އެވެ. މި ދެމަފރިން ދަންނަ ކޮންމެ މީހަކުވެސް ބުނަނީ މިއީ އެއް ދެ ހަށިގަނޑުގައިވާ އެއް ފުރާނައެއް ފަދަ ގުޅޭ ޖޯޑެއް ކަމަށެވެ.

ޕާމް ބީޗް ކައުންޓީ ހޮސްޕިޓަލުގައި މިދިޔަ ހަފުތާގައި ދެމަފިރިން މަރުވެފައިވަނީ މަދު މިނިޓުކޮޅެއްގެ ތަފާތުންނެވެ. އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ސާރާ މިލޫސްކީ އަށް އެ ދުވަހު ދެ ހިތާމަ އެއް ފަހަރާ ލިބުނެވެ. އެއީ އޭނާގެ 92 އަހަރުވީ މަންމަ އާއި 88 އަހަރުގެ ބައްޕަ އެއްފަހަރާ ވަކިވެގެން ދިޔައިމަ އެވެ. ދެމަފިރިން މަރުވިއިރު އެމީހުންގެ 67 ވަނަ ވެޑިން އެނިވަސަރީ ފާހަގަކުރަން އޮތީ އެންމެ ހަފުތާ އެކެވެ.

"މިދިޔަ އަހަރު ޕެންޑެމިކް ފެށުމުން މަންމަ އާއި ބައްޕަ އުޅުނީ ވަރަށް ރައްކާތެރިވެގެން. މަންމަ އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުމޭ. އެއްޗެތި ވެސް އޯޑަރު ކޮށްގެން ގެންނަނީ ގެޔަށް. ބައްޕަ މަދުމަދުން ނުކުމެލާނެ. ބައްޕައަށް ބޭރަށް ނުނިކުމެ ހުންނަން ވަރަށް އުނދަގޫ. މީހުންނާ ބައްދަލު ނުވަންޏާ ބައްޕަ ވަރަށް ދެރަވާނެ،" ސާރާ ބުންޏެވެ.

ސާރާ އާއި ފިރިމީހާ ފެބްރުއަރީ މަހު ވެސް މައިންބަފައިން ކައިރިއަށް ދިޔަ އެވެ. އޭރު އެމީހުންގެ ސިއްހީ ހާލު ރަނގަޅެވެ. ނަމަވެސް ސާރާ ޒިޔާރަތްކުރިތާ ހަފުތާއެއް ފަހުން އޭނާގެ މަންމަ ބަލިވީ އެވެ. މާ ގިނަ ދުވަހެއް ނުވެ ދެމަފިރިންނަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަން ޔަގީންވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ އެވެ.

"އެންމެ ކުރިން އެހާ ބައްޔެއް ނޫން. ގޭގައި ތިބީ. ނަމަވެސް ކުއްލިއަކަށް މާ ބޮޑަށް ބަލިވުމުން ހޮސްޕިޓަލަށް ބަދަލުކުރީ. މަންމަ އާއި ބައްޕަ ތިބީ ވެސް އެއް ކޮޓަރިއެއްގައި. މަރުވީ ވެސް ގާތް ގާތުގައި ތިބެ. އަހަރެންނަށް އެމީހުންނަށް ވަދާއު ވެސް ކިޔަން ޖެހުނީ ކުޑަދޮރުގެ ބިއްލޫރިގަނޑުގެ އަނެއް ފަރާތުގައި ހުރެގެން. މައިކްރޯފޯނެއް ހިފައިގެން އަހަރެން ހުރީ. އޭގެން މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވާ ވާހަކަ އަހަރެން ބުނިން،" ސާރާ ބުންޏެވެ.

ސާރާ ބުނި ގޮތުގައި މަންމަ އާއި ބައްޕަ މަރުވެފައި ތިބިއިރުވެސް ތިބީ އާދައިގެ ގޮތެއްގައި އެނދުގައި ނިދާލާފައި ތިބޭއިރު ތިބޭ ގޮތަށެވެ.

"އެންމެ ފަހު ވަގުތުކޮޅު ވެސް ދެ މީހުން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެން. މަންމަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނު. އެކަމަކު ވާހަކައެއް ނުދެއްކުނު. އެއީ ވަރަށް އަސަރުން ފުރިގެންވީ ތަޖުރިބާއެއް. މާޗް 1 ވަނަ ދުވަހުގެ ހެނދުނު 10.15ގައި މަންމަ މަރުވީ. އޭގެ 15 މިނިޓް ފަހުން ބައްޕަ މަރުވީ،' ސާރާ ބުންޏެވެ.