(22 މާރިޗު 2021 އާ ގުޅޭ)
"ނާއިކު!" އެތެރެއަށް ވަދެގެން އައި އަންހެން މީހާ ހިނިތުންވެލަމުން ބަލައިލީ ނާއިކަށެވެ.
"ވާހިދާ.." ނާއިިކަށް ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ކަކުލާ ހަމައަށް ފޯރާވަރުގެ ވަރުގެ، ގަޔަށް ބާރު ހެދުމެއް ލައިގެންހުރި ވާހިދާ ގޮސް ހުއްޓުނީ ނާއިކާ މޫނު ދިމާވާ ގޮތަށެވެ. ވާހިދާގެ އުމުރުން 38 އަހަރު ވީއިރު ވެސް، އޭނާ ބަލާފައި ހީވަނީ އުމުރަށްވުރެ މާޒުވާން ހެންނެވެ. "ފިޓް" ހަށިގަނޑާއެކު، ހެދުން އެޅުމުގައި ވެސް ވާހިދާ ގެންގުޅެނީ އެންމެ ޒުވާން ވިސްނުމެވެ. ހަމުގެ ކުލަ ކަޅުވި ނަމަވެސް، ހަންގަނޑުން ފެންނަނީ އޮމާން ކަމެވެ.
"އިށީންދޭ!" ގޮނޑީގައި އިށީންނަމުން، ނާއިކަށް މުޙާޠިބުކޮށް ވާހިދާ ބުންޏެވެ.
"އާފްޓާ ލޯންގް ޓައިމް.. ހައު އާރ ޔޫ؟" ވާހިދާގެ ހުދު ދަތްޕިލަ ދައްކައި، އޭނާ ހީނލައިގެން އިނެވެ.
"އައިމް.. ގުޑް! ވާހިދާ.. ކިހި.. ނެއް؟" ނާއިކު ވާހަކަދައްކަމުން ދިޔައީ އާގަންނަ ގޮތަކަށެވެ.
"ސާބަހޭ ނާއިކު، ހާދަ ވަރަކަށް ޖެހިލުންވެފަ ތިއިންނަނީ؟ ވާހިދާއޯ! ވާހި ކިޔާ!" ވާހިދާ ތުން އަނބުރައިލަމުން، ތުއި ވެލަން އޭނާ މަސައްކަތްކުރިއެވެ.
"އޯހް! އަސްލު.. ހީކުރީ ވާހި މިހާރު ވަރަށް ތަފާތު ވާނެކަމަށް.. ތީ މިހާރު އަހަރެންގެ ބޮސް ވިއްޔާ! މިނިސްޓަރުކަން ލިބުނީމަ.." ނާއިކު ވާހަކަދައްކަމުން ދިޔައީ އޭނާގެ ކުރިމަތީގައި އިން ވާހިދާއަށް ބަލަމުންނެވެ.
"އަހަންނަށް މިނިސްޓަރުންކަން ލިބުނަސް ނާއިކާ މެދު ދެކޭ ގޮތް ޗޭންޖެއް ނުވޭ! ވާހަކަނުދައްކާ ދުރުގަ ތިއްބަސް، އަހަރެން ނާއިކުމަތިން އަބަދުވެސް ހަނދާންވޭ." ވާހިދާގެ ބެލުމުގައި ތަފާތު އަސަރުތަކެއް އެކުލެވެން ފެށުނުކަން ނާއިކަށް ޔަޤީންވިއެވެ. ނާއިކު ދެފަރާތަށް ނަޒަރު ހިންގައިލުމަށްފަހު، ހިނިތުންވެލީ ވާހިދާއަށް ބަލައިލަމުންނެވެ.
"އޮފީސްތެރޭގަ މިކަހަލަ ވާހަކަ..." ނާއިކު އެހެން ބުނުމާ އެކު ވާހިދާ މޫނަށް ގޮތެއް ހަދައިލަމުން ހީނލިއެވެ.
"ކީއްވީ؟ ކުރީގެ ދުވަސްތައް މަތިން ހަނދާނެއް ނުވޭތަ؟ ހޮހޮހޯ! އަދިކިރިޔާ ދޯ ނާއިކު މެޗުއަރ ތިވީ.." ވާހިދާ ހޭން ފެށިއެވެ.
"އެނީވޭ. މިހާރުވެސް މާ ބޭކާރު ވާހަކަ ގިނަ ވަނީ ދޯ! އަސްލު ބުނަން އުޅުނީ ކޮންގްރާޓްސް އިނގޭ. ޕްރޮމޯޓު ވީމަ.." މަރުޙަބާގެ ސަލާމެއް ކުރުމަށް ވާހިދާ އޭނާގެ އަތް ދިއްކޮށްލިއެވެ.
"ތިބުނީ؟" ނާއިކު ހައިރާންވެ ހުރެ ވާހިދާއާ ސަލާމްކޮށްލިއެވެ.
"ބުނަން މިއުޅެނީ، އަހަރެން މިއުޅެނީ އެހެން މިނިސްޓްރީއަކަށް ބަދަލުވާން. ރައީސް އެދިގެން. ދެން ކުރިއަށް މިތަނުގެ މިނިސްޓަރެއްގެ ގޮތުގަ ހުންނާނީ ތި ޒުވާނާ! އެވާހަކަ ބުނަން މި މީޓުކޮށްލީވެސް." ވާހިދާ ބުނި ވާހަކައިން ނާއިކަށް އުފަލުން ވީގޮތް ވެސް ނޭނގުނެވެ.
"އަސްލުތަ! އައިމް ވެރީ އެކްސައިޓެޑް!" ނާއިކުގެ ތުންފަތުން ފައުޅުވެފައި ވަނީ ފުޅާ ހިނިތުންވުމެކެވެ.
"ޔެސް! އަ ޑްރީމް ކަމް ޓުރޫ ދޯ؟" ވާހިދާ ކޮޅަށް ތެދުވެލަމުން އަހައިލިއެވެ. ޖަވާބުގައި ނާއިކު ބޯޖަހައިލީ ވަރަށް އަވަސްކޮށެވެ. އަދި އެހާމެ އުފާވެފައި އިނދެގެންނެވެ.
"އަހަރެން ގޮސްލީ.." ވާހިދާ ކުރިއަށް އެޅި ފިޔަވަޅާ އެކު އޭނާ ހުއްޓުނެވެ.
"އެކަނި މިއުޅެނީ. ފިރިމީހާ އަދިވެސް ރިސޯޓުގަ، ފުރުޞަތު އެބައިން އިނގޭ!" ވައި އަޑަކުން ވާހިދާ އެހެން ބުނެ އެތަން ދޫކޮށް ހިނގައިގަތެވެ. ވާހިދާއަށް ހިނިތުންވުމެއް ދެމުން ނާއިިކު ނިކަން އަވަހަށް އޭނާގެ ފޯނު ހުޅުވައިލިއެވެ.
***
ލައިބާއަށް ހެނދުނުގެ ނާސްތާ ދިނުމަށްފަހު، ޖަންނަތު ވަރަށް އަވަސްކޮށް ރީތިވެލީ ޒަހީނާ ދިމާކުރަން އެގެއަށް ދިޔުމަށެވެ. ލަބީބު ޑިއުޓީގައި ވުމުން ޖަންނަތުގެ މާބޮޑު އިތުރު ވިސްނުމެއް ނެތް ފަދައެވެ. ދުވަސްތަކަކަށްފަހު، ޒަހީން އިސްވެ އެދުމުން ޖަންނަތުގެ ހަށްޓަކު ހެއެއް ނެތެވެ. ޒަހީންގެ ކިބައިން ލިބޭ އަރާމަކީ، މުޅިދުވަހަށް ޖަންނަތުގެ ކަރުހިއްކުން ފިލުވައިދޭނެ ކަމެއް ކަމުން، ޖަންނަތުގެ ޝައުޤުވެރިކަން ޒަހީނަށް ވުރެ މިކަމަށް މާބޮޑެވެ.
"ދަރިފުޅާ ލައިބާ. ބަސް އަހައިގެން އިންނަންޗޭ! މާމަ އަށް އުނދަގޫ ނުކުރާތި! މަންމި އެބަ އަންނަން." ޖަންނަތު ގެއިން ނުކުންނަން ހިނގައިގަތީ، ލައިބާގެ ބޮލުގައި ފިރުމައިލުމަށްފަހުގައެވެ.
މޭޒުމަތީގައި އޮތް ފޯނު ނަގައި އައިޝާ ގުޅައިލީ އޭނާގެ މަންމަ ރަޝީދާއަށެވެ. މަންމަގެ ހާލު އޮޅުންފިލުވައި، ގަޑިން ގަޑިއަށް ބޭސް ކެއުމަށް އައިޝާ ހަނދާންކޮށްދިނެވެ. ކަންތައްތަކާ މެދު ނުވިސްނުމަށާއި، އެއްވެސް ކަމަކަށް ދަތި ވިޔަސް އެކަން އައިޝާއަށް ލަސްނުކޮށް އެންގުމަށް އައިޝާ އޭނާގެ މަންމަގެ ކިބައިން އެދުނެވެ.
"އާނ މަންމާ! އަހަރެން ވަރަށް ރަނގަޅު. ދޫނި ވެސް ވަރަށް ރަނގަޅު . ދޫނިވީ ނާއިކުގެ މަންމައާ އެކު ބޭރަށް ގޮސް. ނާއިކު ޑިއުޓީގަ." ވަގުތު ކޮޅެއް ވަންދެން އެކި ވާހަކަތައް އައިޝާ ގެންދިޔައީީ އޭނާގެ މަންމައާ އެކު ދައްކަމުންނެވެ.
މަލާކުގެ ސްނެޕް ހުޅުވައިލުމާ އެކު ނާއިކުގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ. "ވާވް! މައި ހޮޓް ގާރލް." މަލާކު ފޮނުވި ސްނެޕް ރިޕްލޭ ކޮށްލަމުން، ނާއިކު ރިޕްލައި ކޮށްލިއެވެ.
"ތޭންކްސް ލަވް. ކިހިނެއް ވަނީ އިންޓަރވިއު؟" މަލާކުގެ ފަރާތުން މެސެޖު އައީ ވަރަށް އަވަހަށެވެ.
"އަހަރެން ޔޫތު މިނިސްޓަރަށް ވަނީ.." ނާއިކު އެހެން ޖަހާފައި މެސެޖުކޮށްލުމުން، މަލާކަށް ވެސް ލިބުނީ ނާއިކަށް ލިބުނު ފަދަ ހިތްހަމަޖެހުމެކެވެ. ލޯބިވެރިޔާއަށް ލިބޭ މޮޅަކީ، މަލާކަށް ވެސް ލިބޭ މޮޅެއްގެ ގޮތުގައި އޭނާ ޤަބޫލު ކުރިއެވެ.
"ކޮންގްރާޓްސް! އައިމް ރިއަލީ ޕްރައުޑް އޮފް ޔޫ ބޭބީ." މަލާކުގެ މެސެޖު ކިޔައިލަމުން، ނާއިކު އަވަސްވެގަތީ ގެއަށް ދިޔުމަށެވެ.
މެންދުރުގެ ދަންފަޅި ފެށިގެން ދިޔައީ، ޒަހީންގެ އެނދުމަތި ފަޅުވިލައިދިނުމުގައި ޖަންނަތު އަވަދިނެތި އުޅެނިކޮށެވެ. ލަބީބު ފަދަ މަޑުމައިތިރި ފިރިއެއް ހުރުމުން، އޭގެ ފައިދާ ޖަންނަތު ކިތަންމެ ހާވެސް ނުބައިކޮށް ދިޔައީ ލިބިގަންނަމުންނެވެ. ޖަންނަތުގެ ހާސިލު ނުވި ލޯބިވެރިޔާގެ އެދުންތަކަށް ބޯލަނބައި، ޖަންނަތަށް މިކުރެވެނީ ކޮންފަދަ ކަމެއް ކަމާ މެދު ވިސްނައި ފިކުރުކޮށްލަން ވެސް އޭނާގެ ޟަމީރު ނޭދެއެވެ. ސަބަބަކީ އެ އެދުންތަކަކީ ޖަންނަތުގެ ހިތް ވެސް އަބަދުމެ އާދޭސް ކުރާ ކަމަކަށް ވުމުންނެވެ.
ލަބީބާއި ޖަންނަތުގެ ގުޅުމުގައި ކައިވެނީގެ ނަން އޮތީ ނަމަކަށެވެ. އެ މާތް ގުޅުމުގައި އޮންނަން ޖެހޭ އެއްވެސް ބަދަހި ކަމެއް، ލޯތްބެއް ނެތެވެ. އަރާރުން ވުމާއި، ޒުވާބުގެ ތެރެއިން ދެމަފިރިކަމުގެ ގުޅުން ވަނީ އެއްކޮށް ހީނަރުވެފައެވެ. ނަމަވެސް އެ އިޙްސާސްތަކާއި އެ އުފާވެރިކަން ކޮންމެވެސް ގޮތަކަށް ޖަންނަތު ގެންދިޔައީ ހޯދަމުންނެވެ.
"އާޝާ.." ގަމީހުގެ ގޮށްތައް ނައްޓަމުން، ނާއިކު ގޮވައިލީ ފާޚާނާގައި ހުރި އައިޝާއަށެވެ.
"ކީކޭ؟" އައިޝާ ވަރަށް އަވަސްކޮށްލައިގެން ފާޚާނާއިން ނުކުތެވެ.
"އަހަރެންނަށް ޕުރޮމޯޝަން ލިބެއްޖެ! މިނިސްޓަރުކަން ލިބެނީ.." ނާއިކު އެހެން ބުނުމުން އައިޝާގެ ދެލޯ ބޮޑުވެ، އަނގަ ހުޅުވުނީ ލިބުނު އުފަލުންނެވެ. ފިރިމީހާއަށް އެފަދަ ބޮޑު މަޤާމެއް ލިބުންނެވެ.
"އަޅޭ.." އައިޝާ ގޮސް ބައްދައިލީ ނާއިކުގެ ގައިގައެވެ. ނާއިިކުގެ ދެއަތުން އައިޝާ ވަށައިލަމުން، ދެމީހުން އެއްކޮށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.
ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލައިފިއެވެ. ރީތި ވެލައިގެން އިން އައިޝާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ނާއިކުގެ ފަރާތުން ތަފާތު ކަންތައްތަކެއް ފާހަގަ ވިޔަސް، ނާއިކު ގޯހެކޭ ބުނެވޭނެ ޖާގައެއް އައިޝާއަކަށް ނުލިބުނެވެ. އައިޝާ އުއްމީދު ނުކުރާ ފަދަ ގޮތަށް އައިޝާގެ ހަށިގަނޑާ ބެހޭ ގޮތުން ނާއިކު ދެއްކި ވާހަކައަކީ، ހަމަ ޙަޤީޤަތުގައި ވެސް އައިޝާއަށް ހެވަށް ބުނި އެއްޗެއް ކަމުގައި އޭނާ ޤަބޫލު ކުރިއެވެ. ނަމަވެސް އައިޝާ ދެރަވަނީ އައިޝާ އަބަދު ކާ ވާހަކަ ބުނުމުންނެވެ. އައިޝާ ފަލަވީ ކައިގެން ނޫންކަން އޭނާއަށް އެނގެއެވެ. ނާއިކު ޚަބަރު ނުވެގެން އެކަމާ ވިސްނަން ހަދައިގެން އައިޝާއަށް ރަނގަޅަކަށް ނުވެސް ކެވެއެވެ. އެކަން އެހެން އޮވެ، އައިޝާއަށް ނިސްބަތްކޮށް އެގޮތަށް ވާހަކަދެއްކުމުން އައިޝާ ދެރަވީއެވެ.
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް މާޒީގެ ތަސްވީރަށް ބަލައިގެން ޝަކުވާ ކުރުމަށްވުރެ، މިހާރުގެ ހާލަތަށް ވިސްނައި ކުރިއަށްދާ އައިޝާ ބޭނުން ވިއެވެ. ނާއިކުގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވިޔަސް، ނާއިކު މާލެ އައި ފަހުން އޭނާގެ ފަރާތުން ލިބޭ ލޯތްބަކަށް ބަދަލެއް އައި ފަދަ އިޙްސާސެއް އައިޝާއަކަށް ނުކުރެއެވެ.
"ކޮބާ ރެޑީ ވީތަ؟" ފެންވަރައިގެން ނުކުމެ، ނާއިކު ބަލައިލީ ކޮޓަރީގައި އިން އައިޝާއަށެވެ. ޖަވާބު ދިނުމުގެ ގޮތުން އައިޝާ ބޯޖަހައިލިއެވެ. ނާއިކު ވަރަށް އަވަސްކޮށް ރީތިވާން ފެށިއެވެ. އެދެމީހުން ނިންމައިގެން ހުރީ ޑިނާރ ޑޭޓަކަށް ދިޔުމަށެވެ.
އެތަކެއް ފަހަރަކު ފޯނު އަތަށް ނަގާފައި ވެސް، ނާއިކަށް ގުޅަން ވާހިދާ ފަސްޖެހުނެވެ. އައިޝާއަށް އެނގިދާނެތީއެވެ. ވާހިދާ ހީކުރީ ނާއިކު އިސްވެ ވާހިދާއަށް ގުޅާނެ ކަމަށެވެ. ނަމަވެސް އެދެމީހުން ދީމަވި ފަހުން ނާއިކުގެ އެއްވެސް ޚަބަރެއް ނުވުމުން ކޮންމެވެސް ވަރަކަށް ވާހިދާ ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. ވާހިދާ އަކީ 4 ކުދިންގެ މަންމައެކެވެ. ފިރިމީހާ އުޅެނީ ރިސޯޓެއްގެ މަތީ މަޤާމުގައެވެ. ސިޔާސީ ދާއިރާގައި ވާހިދާ އަކީ ނުފޫޒުގަދަ ނަމަކެވެ. ވާހިދާއާ ބަލާފަ ނާއިކު އުމުރުން ކިތަންމެ ކުޑައެއް ކަމަކު، ވާހިދާގެ ހިތުގައި ނާއިކަށް ޚާއްޞަ މަޤާމެއް ވަނީ ދެވިފައެވެ. މިނިސްޓްރީ ތެރެއިން ނާއިކު ފެނުނު ދުވަހަށްފަހު، އޭނާގެ ހަޔާތުން ވެސް ފެނުނު އެންމެ ރީތި ފިރިހެނާއަށް ވެފައި ވަނީ ނާއިކެވެ. ދޮށީ ބައެއް އަންހެނުން، ޅަ ފިރިހެނުންނަށް "މޮޔަ"ވާ އުސޫލުން ވާހިދާގެ ސިކުނޑި ހިސޯރު ކުރީ ނާއިކެވެ. ދެ ޚިޔާލެއްގައި ހުރެ ފޯނު ދޫކޮށްލަމުން ވާހިދާ ކޮޓަރިން ނުކުތީ ނާއިކު އިސްވެ ގުޅަން ދެން މަޑުކުރާނީއޭ ހިތާހިތާ ބުނަމުންނެވެ.
މާލޭގެ އެކި ހިސާބުތަކުގައި ނާއިކު ސައިކަލު ދުއްވަމުންދާއިރު، އައިޝާ ފަހަތުގައި އިނީ ވަރަށް ލޯބިން ނާއިކުގެ ގައިގައި އޮޅުލައިގެންނެވެ. ނާއިކުގެ ގަމީހަށް ޖަހައިފައިވާ "ބޮސް" ސެންޓުގެ ވަސް ވަނީ އައިޝާގެ ނޯށުގައި ފަތަހަކޮށްފައެވެ.
ޖަންނަތު ކޮޓަރިއަށް ވަދެ ދޮރު ތަޅުލަމުން ބަލައިލީ އެނދުމަތީގައި އޮތް ލަބީބަށެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލަބީބު އެނދުން ތެދުވިއެވެ.
"ޖަނާ. އަހަރެން އަޑުއެހިން ވާހަކައެއް.." ލަބީބު ވަރަށް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ލަބީބުގެ އަޑަށް ޖަންނަތު އެއްވެސް ސަމާލުކަމެއް ނުދެއެވެ.
"ޖަނާ މިއަދު ކައުންސިލަރު ޒަހީންގެ ގެއަށް ވަނީއޯ.." ލަބީބު ބުނި ޖުމުލައިން ޖަންނަތަށް ލަތްކަކަށް ބަލައިލެވުނީ ލަބީބާ ދިމާލަށެވެ. (ނުނިމޭ)