އިދިކޮޅު ފަރާތްތައް

އެއްވުމުން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ކޮންމެ ހުކުރު ދުވަހު ގެންދަނީ މާލޭގައި އެއްވުމުން ބާއްވަމުންނެވެ. މިއަދުވެސް މާލޭގައި އެއްވުން ކުރިއަށް ގެންދިޔައެވެ.

ފުލުހުން ބުނީ މިއަދުގެ އެއްވުމުން ހައްޔަރުކުރީ 11 މީހުން ކަމަށެވެ. އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

އެއްވުންތަކަށް ފުރުސަތު ނުދޭން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ފުލުހުން ބަންދު ކުރެއެވެ. މިއަދުވެސް މެންދުރު ފަހުން ފެށިގެން ރޭގަނޑު ދަންވަންދެން އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަ ދުވަސްވަރަކަށް ވުމުން އެއްވުންތައް ބޭއްވުން މަނާ ކޮށްފައެވެ. އަދި އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް ސިލްސިލާކޮށް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ.