ޓޫރިސްޓް އެރައިވަލް

ޓޫރިޒަމަށް މި މަހު 40 ޕަސެންޓުގެ ކުރިއެރުމް

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 25 ގެ ނިޔަލަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 40 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 59،588 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ ފެށިގެން މާޗް 25 ގެ ނިޔަލަށް ބަލާނަމަ ރާއްޖެއަށް 83،3667 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 40.4 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ 2019 އިން 2020 އަށް ބަލާނަމަ 37.4 ޕަސެންޓު ދަށްވެފަ އެވެ.

ބޯޑަރު ހުޅުވި ފަހުން ޓޫރިސްޓުން އަންނަ އަދަދަށް ފުރަތަމަ ފަހަރަށް މިދިޔަ އަހަރަށްވުރެ މަތިވިއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް މިހާރު އަންނަނީ 3،246 މީހުންނެވެ. އަދި އިއްޔެ ވަނީ ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އަދަދުގެ ގޮތުގައި މިހާތަނަށް އޮތް ރެކޯޑު ވެސް މުގިރިފަ އެވެ. ކުރިން އެންމެ ގިނަ މީހުން އައިސްފައިވަނީ 5،248 ޓޫރިސްޓުންނެވެ. ނަމަވެސް އިއްޔެ ރާއްޖެއަށް 5،275 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގައި މިހާރު އެވްރެޖު ގޮތެއްގައި ޓޫރިސްޓުން މަޑު ކުރަނީ 8.9 ދުވަހު އެވެ.

ކޮވިޑް-19 ގެ ބަލި ޗައިނާ އިން ފެނުމާއެކު ރާއްޖެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗް 27 ގަ އެވެ. އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ހެދި ދިރާސާ އިން މިދިޔަ އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް، އަހަރު ނިމުނުއިރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. ރާއްޖެއަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.