ދުނިޔެ

ޗައިނާ-އީރާން: ބެލްޓް އެންޑް ރޯޑް އެއްބަސްވުމެއް 25 އަހަރަށް

ޗައިނާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން 25 އަހަރަށް ދިގުދަންމާލައި އެއްބަސްވުމެއްގައި ތެހެރާންއާއެކު ސޮއިކުރަން ހަމަޖެހިއްޖެ އެވެ. މިއީ އީރާން މީޑިއާ ސިފަކުރާ ގޮތުން ދެގައުމުގެ ގުޅުން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް ވެވޭ އެއްބަސްވުމެކެވެ.

އީރާންގެ ފޮރިން މިނިސްޓްރީ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވީ އެއްބަސްވުމަށް ފުރުސަތުދެއްވީ ޗައިނާއިން ކަމަށާއި މިއެއްބަސްވުމުގެ ދަށުން ކުރަން ހުރި ކަންތައްތައް އަދި ފައިނަލްނުވާ ކަމަށެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފުޅާކުރުމަށް އީރާނާއެކު މަޝްވަރާކުރެވޭއިރު، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވަޑައިގެން އުޅުއްވަނީ ތެހެރާންގަ އެވެ. މިއީ ތުރުކީއަށް ކުރެއްވި ކުއްލި ތަތުރުފުޅުގެ ފަހަތު އެޖެންޑާއިން ހަމަޖައްސަވާފައިވާ އައިޓަމެކެވެ.

އީރާން މީޑިއާ ބުނާ ގޮތުން އީރާންގެ ރައީސް ހަސަން ރޫހާނީއާ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފްއާ ބައްދަލުކުރެއްވުމަށް ޗައިނާގެ ޑިޕްލޮމެޓުން ވަރަށް އަވަށް ތެހެރާންއަށް ވަޑައިގަންނަވާނެ އެވެ. އަދި ބެލްޓް އެންޑް ރޯޑް އެއްބަސްވުން އަލުން އެކުލަވާލައި ސޮއިކުރައްވާނީ ދެގައުމުގެ ފޮރިން މިނިސްޓަރުންނެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި މިއީ ޗައިނާއަށް ދަތި ދުވަސްތަކެކެވެ. އެމެރިކާއާ ޔޫރަޕް އަދި އިނގިރޭސިވިލާތުން ޗައިނާއަށް ދަތިކުރަން ކުރާ މަސައްކަތްތަކާ ހެދި، ޗައިނާއަށް ޖެހިފައި ވަނީ އާއެކުވެރިން ހޯދައި އާއެއްބަސްވުންތައް ގާއިމުކުރާށެވެ.

ޗައިނާ ވަޒީރު ތުރުކީއަށް އަދި އީރާންއަށް ވަޑައިގެން ބައިނަލްއަގްވާމީ އަދި ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.