މިފްކޯގެ މަސްފެކްޓަރީ ހިންގާ ޅ. ފެލިވަރުގައި ކޮވިޑް-19ގެ ބޮޑު ކްލަސްޓާއެއް އުފެދިފައިވީ ނަމަވެސް އެއްވެސް ދަތިކަމެއް ނެތި އެ ކުންފުނީގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 24 މާޗް އިން ފެށިގެން ފެލިވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވީ ނަމަވެސް މާލެ އާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުން އެކުންފުނީގެ އުފެއްދުންތައް ރޯދަމަހު ވެސް މެދުކެނޑުމެއްނެތި ލިބިގެން ދާނެ ކަމަށެވެ.
މިފްކޯ އިން ބުނީ ރާއްޖެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ތެރެއިން މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް އެކުންފުނިން ވަނީ ދުރާލާ ތައްޔާރުވެފައި ކަމަށެވެ. އެހެންކަމުން އެކުންފުނިން އުފައްދާ އެއްވެސް އުފެއްދުމެއް ލިބުން ދަތި ނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
މިފްކޯއިން އިތުރަށް ބުނީ ފެލިވަރުގައި އުފެދުނު ކްލަސްޓާއިން ޕޮޒިޓިވްވި މުވައްޒަފުން އެރަށުގައި ގާއިމުކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެޗްޕީއޭ އާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް މިފްކޯ އިން ބުންޏެވެ.
ފެލިވަރުގައި އުފެދުނު ކޮވިޑް ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް އެރަށުގައި މަސައްކަތްކުރާ 66 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފަ އެވެ.