އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރަން އެމެރިކާ އެހީވަނީ

Mar 27, 2021

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އެމެރިކާ އަސްކަރިއްޔާ ދެމި އޮންނާނެ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް، މޭޖާ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތުގައި އެރުވި މެންޓޯގަ އެވެ.

މި މެންޓޯގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތައުރީފުކުރައްވާފައިވާއިރު އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކުގައި ދެމިއޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑާ ސެކްރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން އެމްއެންޑީއެފް އޭރިއާތަކަށާއި، ހާއްސަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވާސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން ގެންދަނީ ފޯރުކޮށްދެމުންނެވެ.

އެމްއެންޑީއެފުން ބުނީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކުރެވިފައިވާ ކަމަށެވެ.

މިގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް (އެސްއެފްބީއޭ)ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ، މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއްމަސް ދުވަހުގެ ތަމްރީނުތަކެއް މާޗް މަހުގެ އެއްވަނަ ދުވަހު ފެށިގެން މިހާރު ކުރިއަށްދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު 2019 ވަނަ އަހަރު ޖެނުއަރީ މަހު އެމެރިކާގެ އެސިސްޓެންސް ސެކްރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ އަދި އެމެރިކާގެ އެކްޓިން އަންޑާ ސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ގައުމުގެ މެދުގައި "ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް" ނަމުގައި މަޝްވަރާތަކެއް ބާއްވާފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑާ މޭޖަރ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރިއްޔާގައި ބޭނުންކުރާ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާކޮށްފައި ކަންވެސް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ގިނަ އެހީތަކެއް ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.