މާލެއާއި ހުޅުމާލެ އަދި ބްރިޖު މަތިން މުދާ އުފުލުމުގައި އަނެއްކާވެސް ހާއްސަ އުސޫލަކުން އަމަލުކުރަން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ އާ އުސޫލަކަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލެ އަދި ބުރިޖުމަތިން މުދާ އުފުލުމާއި އަދި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި އާ އުސޫލެއް އެކުލަވާލާފައިވާތީ އެ އޮތޯރިޓީން މިދިޔަ މަހުގެ ތިންވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އެ އިއުލާންގައި ވަނީ މާލެއާއި ވިލިމާލެ އަދި ބުރިޖުމަތިން 24 ގަޑިއިރުވެސް މުދާ އުފުލުމަށް ފުރުސަތު ދީފަ އެވެ.
އަލަށް އަމަލުކުރި އުސޫލުގައި ވަނީ މާލެއާއި ހުޅުމާލޭގައި އަދި ބްރިޖު މަތީގައި މުދާ އުފުލޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާ، އެ ވަގުތުތަކުގައި މުދާ އަރުވައިގެން ދުއްވޭނެ ވެހިކަލްތައް ވެސް ކަނޑައަޅާފަ އެވެ.
މާލެ / ހުޅުމާލޭގައި މުދާ އުފުލުން
- - 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން.
- - ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭ ގޮތަށް ހަމަޖެއްސުން
- - ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކުރުން
- - ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސުން
ބުރިޖުމަތިން މުދާ އުފުލުން
- - ހުޅުމާލެއަށް މުދާ ގެންދިއުމަށް 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން މުދާ އުފުލޭގޮތަށް ހަމަޖެއްސުން. އެކަމަކު މިފަދަ އުޅަނދު ދަތުރުކުރަން ވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ޝަރުތުކޮށްފަ އެވެ.
- - 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭ ގޮތަށް ހަމަޖެއްސުން
އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން
މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް އާ އުސޫލުގައި ވަނީ ހަމަޖައްސާފަ އެވެ.
މިގޮތަށް ހަމަޖެއްސި ނަމަވެސް ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމުގައިވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.