ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް މި ސަރުކާރުން އިއުލާންކުރިއިރު ބައެއް ފަރާތްތަކުގެ ފްލެޓްތައް ގެއްލިފައިވާތީ ކުރިއަށް އޮތް ތަނުގައި ހިންގާ ގެދޮރުވެރިކަމުގެ ސްކީމްތަކުގައި ފްލެޓް ދޭއިރު އެމީހުންނަށް އިސްކަން ދިނުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ލަފާދީފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން އިއުލާންކުރި ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓު ބާތިލްކޮށް ފްލެޓް ލިބޭ މީހުން އަލުން ކަނޑައަޅާފަ އެވެ.
އަލުން ފްލެޓް ދިންއިރު ފްލެޓްތަކުގެ ގްރައުންޑް ފްލޯތައް އެއްކޮށް ވިޔަފާރީގެ ބޭނުންތަކަަށް ދޫކުރަން ނިންމުމުން ކުރިން ދޭން ނިންމާފައި އޮތް 280 ފްލެޓް ކެންސަލްވި އެވެ. މި ފްލެޓް ގެއްލުނު ފަރާތްތަކަށް ކުރިއަށް އޮތް ގެދޮރު ސްކީމްތަކުގެ ދަށުން ފްލެޓް ލިބޭނެގޮތަށް އިސްކަން ދިނުމަށް ފްލެޓް ކޮމިޓީން ވަނީ ލަފާ ދީފަ އެވެ.
މީގެ އިތުރުން ފްލެޓް އެންމެ ބޭނުންވާ ބައެއް މީހުންނަށް ފްލެޓް ނުލިބޭނެތީ ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ މީހުންނަށް ދޭން އޮތް ފްލެޓްތައްވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ނަރުހުންނާ ޑޮކްޓަރުންގެ ކެޓަގަރީން ފްލެޓް ގެއްލުނު މީހުންނަށް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް ވެސް ފްލެޓް ކޮމެޓީން ވަނީ އެދިފަ އެވެ.
ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ފްލެޓް މައްސަލަ ބަލަން ފެށީ ފްލެޓްތަކުގެ ދާއިމީ ލިސްޓު އެންމެ ފަހުން ނެރުނުއިރު ގިނަ ބަޔަކަށް ފްލެޓް ނުލިބި ފާޑުކިޔުން މާބޮޑަށް އަމާޒުވުމުންނެވެ.
ފްލެޓްތަކުގެ ދާއިމީ ލިސްޓު ނެރުނުއިރު ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ދޭން އޮތް އެއް ކޮޓަރީގެ ފްލެޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ސިވިލސް ސާވިސް ކެޓެގަރީގެ ފްލެޓްތައް ދިންއިރު 50 ޕޮއިންޓަށް ވުރެ މަދުން މާކްސް ލިބުނު މީހުންނަށްވެސް ފްލެޓް ނުދޭން ވަނީ ނިންމާފަ އެވެ.