ކޮވިޑް 19 އިން ރައްކާތެރިވުމަށް ބައެއް ރަށްތައް މޮނިޓަރިން އަށް ލާފައިވީ ނަމަވެސް އެފަދަ ރަށްތަކުގައި ވެސް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކޮވިޑް 19އާއި ގުޅިގެން ބަލީގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ރަށްތަކެއް މޮނިޓަރިންއަށް ލަމުންދާ ކަން އެޗްޕީއޭ އިން އެ ކޮމިޝަނަށް އަންގަމުންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ވޯޓު ލުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގަކަށްވާތީ އެ ހައްގު ލިބިދިނުމަށް އެޗްޕީއޭ އިން ވެސް ދެކޮޅު ނުހަދާ ކަމަށެވެ. އެހެންކަމުން އެޗްޕީއޭ އާއި ގުޅިގެން އެ އިދާރާ އިން އަންގާ ގޮތްތަކެއް މަތިން މޮނިޓަރިންގައިވާ ރަށްތަކުގައި ވެސް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން މޮނިޓަރިންގައިވާ ރަށްތަކަށް ބޭނުންވާ ވޯޓް ފޮއްޓާއި އެހެނިހެން ތަކެތި އެރަށެއްގެ ބަނދަރުގެ ޖެޓީއާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ގެންގޮސްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މޮނިޓަރިންގައިވާ ރަށަކަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ނުފައިބާނެ ކަަމަށާއި ކޮމިޝަނުން ފޮނުވާ ތަކެއްޗާއި ބަނދަރުމަތިން ހަވާލުވާނީ އެރަށެއްގައި ތިއްބަވާ އިލެކްޝަންސްގެ ފޯކަލް ޕޮއިންޓްގެ ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ވޯޓްލާ ދުވަހު ކޮވިޑަށް ޕޮޒިޓިވްކޮށް ތިބޭ މީހުންނަށް ވެސް ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން އެޗްޕީއޭ އާ ވާހަކަދައްކަމުން. މިކަންކަން ހަމަޖެހިގެންދާ ގޮތްތައް ފައިނަލްވުމުން އަޅުގަނޑުމެން އެ މައުލޫމާތު ވެސް ހިއްސާކުރާނަން.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ 7700 އޮފިޝަލުން ވެސް މިހާރު ހަމަކުރެވި އެ މީހުންނަށް ދޭން ޖެހޭ ތަމްރީންތައް ދެމުންދާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލީ 2400 ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ އެ މީހުންގެ ނަން އަނބުރާ ގެންގޮސްފަ އެވެ.