ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލެވޭނެ

Mar 28, 2021

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273،128 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އެ ކޮމިޝަންގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ ފަހުގެ ލިސްޓް އެކުލަވާލާފައި މިވަނީ މިދިޔަ އަހަރު ބާއްވަން އޮތް އިންތިހާބު މިއަހަރަށް ލަސްވުމާ ގުޅިގެން ވޯޓުގެ ކުރިއަށް 18 އަހަރުވާ ކުދިން ވެސް ހިމަނައިގެން ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ ދުވަހަށް 18 އަހަރު ހަމަވާތީ މުޅިން އަލަށް 5134 ކުދިން ވޯޓުލާނެ ކަމުގައި ވެސް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރަށް އިންތިހާބު ފަސްކޮށް މިއަހަރު 18 އަހަރުވާ ކުދިންނަށް ވޯޓު ލުމުގެ ހައްގު ނުދޭން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ހައްގަކީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާތީ އެއީ ހުއްޓުވޭނެ ހައްގެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ކޮމިޝަނުން ނުކުރާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ވަނީ ދެއްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާ އިން ފެށިގެން ރަށްރަށަށް ވޯޓް ފޮށިތައް ފޮނުވުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ.

މި ދެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.