ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުން ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސް ކުރުމަށް އެދޭ ކަމަށެވެ. އަދި ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ. ސިނޯފާމް ވެކްސިނަކީ ކޮވިޑް-19 އަށް ދެމުން ގެންދާ އެހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެވެ. މި ވެކްސިނަކީ "އިން އެކްޓިވޭޓަޑް" ވައިރަސް ބޭނުންކޮށްގެން ތައްޔާރުވެފައިވާ ވެކްސިނެކެވެ. މިއީ ގިނަ ޒަމާންތަކެއް ވަންދެން ރައްކާތެރިކަން ޔަގީން ކުރެވިފައިވާ ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއެކެވެ. ޒަމާނުއްސުރެ ޖަހަމުން ގެންދާ ޕޯލިއޯ، ރޭބިސް ފަދަ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ މި ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.