ދުނިޔެ

އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން އިސްތިއުފާދެއްވަނީ

އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން އަންނަ މަހު، އޭޕްރީލްގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އިސްތިއުފާދެއްވަނީ ބާރުތައް ދޫކޮށްލެއްވުމަށް ނޫން ކަމަށާއި ޕާލަމެންޓަރީ އިލެކްޝަން އަވަސްކުރެއްވުމަށް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ އިސްތިއުފާ ދެއްވި ނަމަވެސް ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ދެމިހުންނަވާނެ ކަށެވެ. އެއީ ޖޫން 20 ގައި ބާއްވާ އަވަސް އިލެކްޝަނުން ގޮތެއް ނިމެންދެން ކަމަށެވެ.

އަރުމީނިއާގައި ރައްޔިތުން ބޮޑުވަޒީރު ޕަޝިންޔަންގެ ސަރުކާރަށް ކުރި އިތުބާރު ވަނީ ގެއްލިފަ އެވެ. އެއީ މިދިއަ އަހަރު ނޮވެމްބަރުގައި އަރުމީނިއާ އަތުން ނަގޯނޯ ކަރަބާޚް ގެއްލުމާ ގުޅިގެންނެވެ.

ނަގޯނޯ ކަރަބާޅް އަކީ އަޒަރުބައިޖާންގެ ބިމެކެވެ. އެކަމަކު ނުހައްގުން ވެރިވެގަނެ ބާރުހިންގަނީ އަރުމީނިއާއިން ދާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތެކެވެ. އަރުމީނިއާގެ އާންމުންނަށް ހީވެފައި އޮންނަނީ އެއީ އެމީހުންގެ އަމިއްލަ ރަށެއް ކަމަށެވެ.

ނަގޯނޯ ކަރަބާޚް އަނބުރާ ހޯދުމަށްޓަކައި އަޒަރުބައިޖާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިހަނގުރާމައިގައި ދެގައުމަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ދެގައުމުން ވެސް މިހާރު އެއްބަސްވެ އެވެ.

ރަޝިއާއާ ތުރުކީ މުހިންމު ދައުރެއް އަދާކޮށް އަޒަރުބައިޖާންއާ އަރުމީނިއާ ސުލްހަކުރަން ކުރި މަސައްކަތްތަކުގައި އަރުމީނިއާއަށް ޖެހުނީ ނަގޯނޯ ކަރަބާޚް ދޫކޮށް ފައިބާށެވެ. އަދި ސަރަހައްދުގައި ސުލްހަ ބެލެހެއްޓުމަށްޓަކައި ރަޝިއާ ސިފައި މިހާރު ވެސް ސަރަހައްދީ ރޮނގުގައި އެބަ ތިއްބެވެ.

ބޮޑުވަޒީރު ޕަޝިންޔަން އަށް އިތުބާރު ނެތް ކަމަށް އާންމު މަގުތަކަށް ނިކުމެ ގޮވަން ފެށީ މިހިސާބުންނެވެ. އަދި ސިފައިން ވެސް ވަނީ ބޮޑުވަޒީރު އިސްތިއުފާދެއްވުމަށް ގޮވާލައްވާފަ އެވެ. ނިކޮލް ޕަޝިންޔަން އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބާއްވަނީ އޭނާއަށް ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގަ އެވެ.