ލައިފްސްޓައިލް

އިންސްޓަގްރާމް ތަރި އެސީނާ ސޯޝަލް މީޑިއާގެ އަނދިރި ފަރާތް ކިޔައިދީފި

Nov 3, 2015
1

އިންސްޓަގްރާމް ތަރި، ފުރާވަރުގެ އެސީނާ އޯނެއިލް ސޯޝަލް މީޑިޔާގެ އަނދިރި ފަރާތާމެދު ޖަޒުބާތީ ސްޓޭޓްމަންޓެއް ނެރެފިއެވެ.

އުމުރުން 18 އަހަރުގެ އެސީނާއަކީ ސޯޝަލް މީޑިޔާއިން އާމްދަނީ ހޯދަމުން އައި ފަރާތެކެވެ. އޭނާގެ އިންސްޓަގްރާމްގައި ފަސް ލައްކަ ފޮލޯވާސް ތިބިއިރު އޭނާ މަޝްހޫރުވެފައިވަނީ އިންސްޓަގްރާމްގައި ޕޯސްޓު ކުރާ "ހުރިހާ ގޮތަކުން ފުރިހަމަ" ދިރިއުޅުމެއް ދައްކުވައިދޭ ފޮޓޯ ތަކުގެ ސަބަބުންނެވެ.

އެސީނާ ބުނީ އޭނާގެ ދިރިއުޅުމުގެ ހުރިހާވެސް އެއްޗަކީ މީހުން އޭނާއަށްދޭ "ލައިކްސް" އަށް ވެ، ދިރިއުޅުން މުޅިން ހުސްވެ ބޭކާރު ވެފައިވާ ކަމުގެ އިހުސާސް ކުރެވެން ފަށައިފި ކަމަށެވެ. އޭނާ ޔޫޓިއުބަށް ލާފައިވާ ސަތާރަ މިނެޓުގެ ވީޑިއޯގައި ބުނީ ގެއްލުން ހުރި ސޯޝަލް މީޑިއާއާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވަނީ މި މަސައްކަތަށް ހާއްސަ ވެބްސައިޓެއްޗވެސް ހަދާފައެވެ. އަދި ކުރިން އޭނާ އަޕްލޯޑު ކުރި 2000 ފޮޓޯ ޑިލީޓް ކޮށްލާފައިވާއިރު އެ ފޮޓޯ ތަކާ މެދު އޭނާ ބުނީ އެއީ "އަމިއްލަ މީހާ ޕްރޮމޯޓް ކުރުން ނޫން އެހެން އެއްވެސް ބޭނުމެއް ނެތް" ފޮޓޯ ތަކެއް ކަމަށެވެ.

ޑިލީޓް ނުކޮށް ބެހެއްޓި ފޮޓޯ ތަކުގެ ކެޕްޝަން އޭނާ ވަނީ ބަދަލު ކޮށްފައެވެ. މިހާރުގެ ކެޕްޝަން ތަކުގައި އެ ފޮޓޯ ތަކުގެ "ފޭކް" ކަން ހާމަކޮށްފައި ވެއެވެ. އެސީނާ ބުނީ އޭނާ ފަދައިން ސޯޝަލް މީޑިއާއަށް ދެވި ހިފާފައިވާ މީހުންނަކީ މުޅިން "ހަމަ" ބައެއް ނޫނަ ކަމަށެވެ. އަދި ސޯޝަލް މީޑިއާ އަކީ ހަގީގީ ދިރިއުޅުމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެސީނާގެ މި ބޮޑު ބަދަލަށް އެތައް ބަޔަކު ދަނީ ހިތްވަރުދީ ތާއީދު ކުރަމުންނެވެ.