އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 377.4 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި އިންކަމް ސްޕޯޓް އެލަވަންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރުކޮށްފައިވާ 21,258 ފަރާތަކަށް ފައިސާ ދީފައިވެ އެވެ. މިހާތަނަށް އިންކަމް ސްޕޯޓް އެލަވަންސް 84,601 ފަހަރު ދީފައިވެ އެވެ.
ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. އިންކަމް ސަޕޯޓް މިހާތަނަށް ތިން ބުރެއްގެ މަތިން ދޫކޮށްފައިވެ އެވެ.
ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބުނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ. އަދި ގައުމީ ޔުނިވާސިޓީ އިން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ އަށް ވަނީ އަސަރު ކޮށްފަ އެވެ.