ޅ. ހިންނަވަރުން އިއްޔެ ކުއްލި ގޮތަށް މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހިންނަވަރު ކައުންސިލުން ބުނެފި އެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވީ އިއްޔެ އެ ރަށުގައި ސްޓްރޯކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޭ ދަންވަރު ކަމަށެވެ.
ސްޓްރޯކެއް ޖެހުނު 63 އަހަރުގެ ފިރިހެން މީހާ ފުރަތަމަ ގެންދިޔައީ ހިންނަވަރު ސިއްހީ މަރުކަޒަށެވެ. އެމީހާ މަރުވެފައި ވަނީ އިތުރު ފަރުވާ އަށް އިއްޔެ ހެނދުނު ނައިފަރަށް ގެންދިޔަ މަގުމަތީގަ އެވެ. އެމީހާގެ ސާމްޕަލް ނަގާފައި ވަނީ މަރުވުމަށް ފަހުގަ އެވެ.
އަބްދުﷲ ވިދާޅުވީ އެ ރަށަކީ ތޮއްޖެހިފައިވާ ރަށަކަށްވުމުނބް ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށާއި މަރުވި މީހާވެސް ޑައިރެކްޓް ކޮންޓެކްޓަކަށް ވެދާނެ ކަމަށެވެ.
މިމަރާއި އެކީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 67 އަށް އަރާފަ އެވެ.