ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުނިން ވިލިމާލޭގައި ހަދާ ފުޓްބޯޅަ އެރީނާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.
ވިލިމާލެއަކީ ފުޓްބޯޅައިގެ ރަށެކެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ވިޔަންސާ އަކީ، ވިލިމާލެއަށް ނިސްބަތްވާ ކުލަބެކެވެ. ކުރިއަށް އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ވިލިމާލޭ ޔުނައިޓެޑަކީ ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންތަކެއް ހިންގާ ކުލަބެކެވެ. މާލެއާ ވަކިން އޮތް ނަމަވެސް މާލޭގެ ފަސް ވަނަ އަވަށުގެ ގޮތުގައި އޮތް މި ރަށުގައި ފުޓްބޯޅައިގެ ފޯރި އޮތަސް ނެތީ ދަނޑެކެވެ.
ދެކުނު ކޮރެއާގެ ސްކައިން ވިންޑް ގުލޯބަލް ކުންފުންޏާ ގުޅިގެން ވިލިމާލޭގައި އެފްއޭއެމުން ހަދާ އެ ދަނޑު ވެގެންދާނީ، ރާއްޖޭގައި އަޅާ ފެންވަރު ރަނގަޅު އެއް ޓާފް ދަނޑަށެވެ. ދަނޑުގައި ހަރުކުރާ ފެން ހިންދާ "ޝޮކް ޑްރައިން ސިސްޓަމުން" ދަނޑަށް ވެހޭ ފެންގަނޑު ފަސޭހަ މި ސިސްޓަމުން ހިންދާލާނެ އެވެ. އަދި ރާއްޖޭގެ ދަނޑެއްގައި ހަރުކުރާ އެންމެ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމް ވެސް ހަރުކުރާނީ މި އެރީނާގަ އެވެ.
ވިލިމާލޭގައި ހަދާ ފުޓްބޯޅަ އެރީނާގައި ކުޅުންތެރިންނަށް ތިބެވޭނެ ގޮތަށް ހަދާ އެކޮމެޑޭޝަން ބްލޮކްއަކާއި ފުޓްބޯޅަ ޑިވެލޮޕްމެންޓްގެ ބޭނުންތަކަށް ބޭނުން ކުރާނެ ރިސޯސް ފެސިލިޓީއެއް ގާއިމު ކުރާނެ އެވެ. އެރީނާގެ ދަނޑުގެ މަސައްކަތް މެއި ހަ ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް އެފްއޭއެމުން ވަނީ ޓާގެޓް ކޮށްފަ އެވެ. އެ ދަނޑުގެ މަސައްކަތް ކުރުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ކޮށްފަ އެވެ.
ވިލިމާލޭގެ ދަނޑަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސްކައި ވިންޑް ގުލޯބަލް ކުންފުނިން އަޅާ 20 ދަނޑުގެ ތެރެއިން އެއް ދަނޑެވެ. އޭގެ ތެރެއިން 17 ދަނޑު އަޅާނީ ރާއްޖޭގެ އެކި ސަރައްހަދުތަކަށް ހާއްސަ ކޮށްގެން އެކި ރަށްރަށުގަ އެވެ. އަނެއް ދެ ދަނޑަކީ ކުޅިވަރު އެކުވެނީގައި އަޅާ ޓާފް ދަނޑުގެ އިތުރުން ހުޅުމާލޭގައި ހުޅުވާ ފުޓްބޯޅަ ސްކޫލްގެ ދަނޑެވެ.