(26 މާރިޗު 2021 އާ ގުޅޭ)
"ތެދެއްތަ އެއީ؟ ޖަނާ ދިޔައިންތަ އެގެއަށް؟" ލަބީބު ބަލަން ހުރީ ޖަންނަތުގެ މޫނަށެވެ. ހައިރާންވާ ފަދަ ގޮތަކަށް، ވަގުތުކޮޅަކު ލަބީބުގެ މޫނަށް ބަލަން ހުރެފައި ޖަންނަތު ފުންކޮށް ނޭވާއެއް ދޫކޮށްލީ ހަމަޖެހޭކަން ދައްކަމުންނެވެ.
"ކިހިނެއްހެން ހީވަނީ؟ އަހަރެން ދާނެހެން ހީވޭތަ؟" ޖަންނަތު އަޑަށް ހަރުކޮށްލައިފައި އަހައިލިއެވެ. ލަބީބު މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަމުން އައިސް ހުއްޓުނީ ޖަންނަތުގެ ކުރިމަތީގައެވެ.
"ޖަނާ ބުނެބަލަ! އަހަރެން ބޭނުން ވަނީ ޖަނާގެ ދުލުން ޖަވާބެއް." ލަބީބު ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ.
"ލަބީބު އަހަންނަށް ޝައްކު ކުރަން ފެށީ ދޯ؟ ތީ މިހާރު ނުވެ އޮތް ކަމަކީ؟" ޖަންނަތުގެ ރުޅިވެރި ކަޅި ވަނީ ލަބީބާ އަމާޒުވެފައެވެ. ޖަންނަތުގެ ރުޅި މޫނުމަތިން ފެންނަނީ ބިރުވެރިކަމެކެވެ.
"އަދި ތިވަރު ވާކަށް ނުވޭދޯ.. އަހަރެން ހަމަ ސުވާލެއްތާ މިކޮށްލީ!" ލަބީބު ފަސްޖެހޭކަށް މާގިނަ އިރެއް ނުނެގިއެވެ.
"ތިކަހަލަ ސުވާލު ކުރެވޭނީ ޝައްކު ކުރާތީ.. ބަލަ ލަބީބަށް ދުވަހަކުވެސް ދުށްތަ އަހަރެން ފިރިހެނެއް ކައިރީ އޮއްވާ؟ ބުނެބަލަ!" ޖަންނަތު ނިކަން ބާރަށް ލަބީބުގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
"ނޫން! ނޫން!" ލަބީބު ވަރަށް އަވަހަށް ޖަވާބު ދިނެވެ.
"ބިލެތްދޫ ކަހަލަ ވާހަކަ ވިހާ ރަށަކުން ދައްކާ ވާހަކަތައް ހަމަ ލަބީބުވޭ ދޯ ޤަބޫލުކުރަން." ޖަންނަތުގެ ހިތަށް ފިނި ކަމެއް ލިބެމުން ދިޔައީ ޙަޤީޤަތް ފޮރުވުމަށް ކުރެވޭ މަސައްކަތް، އޭނާއަށް ކާމިޔާބުވުމުގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ.
"ސޮރީ.. އަހަރެން ޤަބޫޫލުކޮށްފިން އަހަރެންގެ ކުށްކަން. އަސްލު އަހަރެންނަށް ޔަޤީން ނުވާއިރު މިހެން މިސުވާލު ކުރެވިގެން ނުވާނެ.." ކުށްވެރިއެއް ގޮތަށް އަމާންދީ، އިސްޖެހީ ލަބީބެވެ. ތުންފަތުގެ އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީނލަމުން ޖަންނަތު ވަނީ ފާޚާނާއަށެވެ.
ހޮޓެލް ޖެންއިން ރަނގަޅަށް ކައިލައިގެން، އައިޝާ އާއި ނާއިކު ގެއަށް އައިސް ވަތް އިރު ރޭގަނޑު 11ޖަހަން ވަނީ ގާތްވެފައެވެ. އެދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެެރި ކަމެވެ.
"ދޫނި ނިދީތަ؟" އަތް ދަބަސް ސޯފާގައި ބައިދަމުން އައިޝާ ބަލައިލީ ނަފީސާގެ މޫނަށެވެ.
"އާނ! ދޫނި ނިދައިފި. މަންމަ ކޮޓަރީގަ ދޫނި އޮންނާނީ. މާމަ ކައިރީގަ އޯ އޮންނާނީ ބުނީ.." ނަފީސާ ހީނލަމުން ބުނެލިއެވެ.
"އޯކޭ ވާނެ. މަންމަ ކޮޓަރީގަ ބާއްވާ. ހިނގާ ނިދަން އާޝާ!" ނާއިކު ހިފައިލީ އައިޝާގެ އަތުގައެވެ.
ރޭގަނޑުގެ ވަގުތުތައް އައިޝާ އާއި ނާއިކު ހޭދަކުރީ ލޯބީގެ ޢާލަމެއްގައެވެ. ކައިވެނީގެ އަގުމާތް ގުޅުމުން ލިބެންޖެހޭ އުފާތައް އެދެމީހުންނަށް ވެސް ދިޔައީ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންނެވެ. އެއީ އައިޝާ އެތައް ދުވަހެއް ކުރިން، ކުރި އިންތިޒާރުގެ ނިމުންތަކެވެ. ނާއިކު މާލެ އައި ފަހުން، މިވީ މަދު ވަގުތުކޮޅުގެ ތެރޭގައި ވެސް އައިޝާގެ ހިތް އެ އުފަލާ އަރާމްތަކުން ބަންޑުންވާ ވަނީ ގާތްވެފައެވެ.
ލަބީބާ މޫނު ފުރަގަސް ދީގެން ނިދާފައި އޮތް ޖަންނަތަށް ބަލަން ލަބީބު އޮތީ މާޔޫސް ކަމުން ފުރޭ ވަރުވެފައެވެ. ކުޑަކުޑަ ލައިބާގެ މުސްތަޤުބަލާ މެދުގައި ވެސް ލަބީބަށް އެވަރަށް ވިސްނެއެވެ. ލަބީބުގެ ކެތްތެރިކަން ވަޒަން ކުރަން މިޖެހުނީ ކޮންފަދަ ބޮޑު އިމްތިޙާނަކާ ބާއޭ ލަބީބުގެ ހިތް ސުވާލުކުރެއެވެ. ކޮންމެ ގޮތެއް ވިޔަސް، ލައިބާއަށް ދެރައެއް ލިބޭނެ ފަދަ ފިޔަވަޅެއް ހަމަ ހިލާ އަޅާކަށް ލަބީބު ނޭދެއެވެ.
"އަހަރެން ވެސް ބޭނުން އުފާވެރި ދިރިއުޅުމެއް. އަހަރެންގެ ޙިއްސުތައް އަދިވެސް ސަލާމަތުން އެބަހުރި.. އަހަރެން ވެސް ބޭނުން ލޯބި ހަޔާތެއް ޖަނާއާ އެކު ވޭތު ކުރަން. އަހަރެން ވެސް ބޭނުން ދެމަފިރިއެއްގެ ދެމެދުގަ އޮންނަން ޖެހޭ ގުޅުން، އަހަރެެމެން ދެމީހުންގެ ދޭތެރޭގަ ވެސް އޮންނަން.." މަޑުމަޑުން ޖަންނަތުގެ ކޮނޑުގައި ހިފައިލަމުން ލަބީބު އޭނާގެ ހިތާހިތާ ވާހަކަދައްކަމުން ދިޔައީ ހިތް ރޮމުންދާ ހާލުގައެވެ. އެފަދަ ގޮތަކަށް މުޅި ރޭ ލަބީބު ހޭދަކުރަމުން ދަނިކޮށް، އައު ދުވަހަކަށް އިރު އަރައިފިއެވެ.
"މިދަނީ އިނގޭ! ބާއި ދޫނީ.." ދުންޔާގެ ކޮލުގައި ލޯބިން ހިފައިލަމުން، ނާއިކު ގެއިން ނުކުތީ އޮފީހަށް ދިޔުމަށެވެ. ނާއިކު ސައިބޮއި ތަށިތައް ދޮންނަަން ހުރި އައިޝާގެ މޫނުމަތިން ފެންނަ އުފާވެރި ކަމަކީ އޭނާއަށް ވެސް ބަޔާން ކުރަން ދަތިވާ އުފާތަކެކެވެ. ނާއިކުގެ އަމަލުތައް ރޭގަ ހުރީ އާދަޔާ ޚިލާފަށް ލޯބިކޮށްކަން އައިޝާއަށް އިޙްސާސްވެއެވެ. އެ ބީހުން ތަކުން ލިބުނު އިޙްސާސްގައި ތަފާތު ކަމެއް އައިޝާއަށް ފާހަގަވިއެވެ. އެމީހުންގެ ކުޑަ ޢާއިލާ، އިތުރު މެމްބަރަކަށް މަރުޙަބާ ކިޔަން ނާއިކު ދިން ސިގްނަލަކީ އައިޝާގެ ހިތުގައިވީ އުފާތައް އޭނާއަށް ވެސް ބާރު ނުފޯރޭ ހިސާބަށް ދިޔަކަމެކެވެ.
"ދަރިފުޅާ! އައިޝާ! ހާދަ ހިނި އައިސްފަ؟" ފަހަތުން އައި ނަފީސާގެ އަޑުން އައިޝާ ދިޔައީ ސިއްސައިގެންނެވެ.
"ހެހެ! މަންމަ ކުރާ ކަންތައް." އައިޝާ އިތުރަށް ހީނލަމުން ބަލައިލީ އޭނާގެ މައިދައިތައަށެވެ.
"ތިވަރަށް ތި ހެނީ އަނެއްކާ މަންމައަށް ހަދިޔާއެއް ދޭން ވެގެންތަ؟" ކާގޭގައި އިން ގޮނޑިއެއްގައި އިށީންނަމުން ނަފީސާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
"ތިބުނީ! ކޮންކަހަލަ ހަދިޔާއެއް؟" ތަށިތައް ދޮވެ ނިންމައިލުމަށްފަހު، އައިޝާ އައިސް އިށީންނީ ނަފީސާއާ މޫނު ދިމާވާ ގޮތަށް އިން ގޮނޑީގައެވެ.
"މަންމަ ދެން ބޭނުން ވާނީ ކޮން ހަދިޔާއެއް. ހެހެ އެނގެއެއްނު؟ މިހާރު އެހުރީ ނާއިކު ވެސް އަތުވެފަ. ދެން އިތުރަށް ކީއްކުރަން ލަސްކުރަންވީ؟" ނަފީސާގެ ވާހަކަތަކުން އައިޝާއަށް އިސްޖެހުނީ ލަދުންނެވެ.
"މަންމަ ނާއިކު ގާތުގަ ވެސް ނުބުނަން މިހުންނަނީ އޭނަ ވެސް ލަދުން އުޅޭނެތީ. ދަރިފުޅަށް ވެސް ތިވީ އެވަރެއްނު؟ ހެހެ!" ނަފީސާ ހިނިގަނޑެއް ޖަހައިލިއެވެ.
"ދުންޔާ ވެސް މިހާރު އެހުރީ ކޮންމެވެސް ވަރަކަށް ބޮޑުވެފަތާ! މަންމަ ދެން ބޭނުން ވަނީ ބޭބީއެއް. ކުޑަކުޑަ." ނަފީސާ ވެސް އިތުރު މާމަ ދަރިއެއް އިންތިހާއަށް ބޭނުން ވެފައި ވުމުން، އައިޝާ ވީ އުފާވެރިކަން ބޮޑުވިއެވެ.
"އިރާދަކުރެއްވިއްޔާ ތިކަން ވެސް ވާނެ." އައިޝާ އެހެން ބުނެ ކޮޅަށް ތެދުވިއެވެ.
***
"ބްރޯ. ކޮބާ ކިހިނެއް ދަނީ ލައިފް؟" ނާއިކަށް ކަޅި އަމާޒު ކޮށްލަމުން ދާއިން އަހައިލިއެވެ. އެވަގުތު އެދެމީހުން ތިބީ ސީހައުސްގައި ކޮފީއަކަށް އިންސާފު ކުރާށެވެ.
"ސަޅި! ވަރަށް ސަޅި. ބްރޯ ތިއެއް ނޫނޭ!" ނާއިކު ވަރަށް ބޮޑަށް ހަމަޖެހިލަމުން، ހަށިގަނޑު ސީދާކޮށް ގޮނޑީގައި އިށީންދެލިއެވެ.
"އަހަރެން މިއުޅެނީ އާޝާއަށް ލޯބި އަރައިގެން.." ބޯ ކަހައިލަމުން ނާއިކު އެހެން ބުނެލީ ލުއިކޮށް ހީނލަމުންނެވެ.
"ހެހެ! ކޮބާ! އަހަރެންނަށް އޭރުވެސް ހީވިޔޭ! ދުރުގަ ހުރީމަކަން ކައެއަށް ތިހެން ތިވަނީ؟ އައި މީން މަލް ދެކެ ލޯބި ވެވުނީ.." ދާއިން ކޮފީ ތަށި ނަގަމުން ވާހަކަދެއްކިއެވެ.
"އާނއެކޭ.. އަސްލުވެސް. އާޝާގެ މި ހުންނަނީ ރިއަލް ވައިފް މެޓީރިއަލަސް. އަދި އެހާ އަޅުކަންތަކަށް ސަމާލުކަން ދޭނެ.." ނާއިކު އެހެން ބުނެ ކޮފީ ބޯން ފެށިއެވެ.
"ދެން ބްރޯ ކިހިނެއް ހަދަން ތި ވިސްނަނީ؟" ދާއިން އަހައިލިއެވެ.
"މަލް ވެސް ދެން އެހެން އަންހެން ގޮލައިން ގޮތަށް ސައިޑުކޮށް ޖައްސާނީ.. މަލް ދޫކޮށް ނުލެވޭނެ. ހާދަ ރީއްޗޭ މަލް." ނާއިކު މަލާކަށް ތަޢުރީފުކޮށްލަމުން ބުނެލިއެވެ.
"ތިހެން ގޮސް ބަސްޓު ނުވާތި! އަންނަ ހަފުތާއިން ފެށިގެން ތީ ޔޫތު މިނިސްޓަރު. ވާނެ ނަމޫނާއަކަށް ވާން. ހެހެ! ހުރިހާ ޔޫތުންނަށް.." ދާއިން ހެމުން ބުނެލިއެވެ.
"އާނ ތީ ގެރޭ ކަމެއްނު. ހިނގާ ދާން ދޯ ބްރޯ!" ނާއިކު އާއި ދާއިން އެއްކޮށް ކޮޅަށް ތެދުވެ، އެތަނުން ނުކުންނަން ހިނގައިގަތެވެ.
***
ހަވީރުގެ ފިނިވައިރޯޅިތަކުން މުޅި މާލެއަށް ހަނާ އަޅަމުން ދިޔަ އިރު، އައިޝާ ހުރީ ބެލްކަނީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޑިއުޓީ ނިމިގެން ނާއިކު ގެއަށް ނާންނާތީ، އައިޝާ ކަންބޮޑުވެގެން ނާއިކަށް މިހާރު ދެތިން ފަހަރަކު ގުޅިއްޖެއެވެ. ނާއިކު އެންމެ ފަހުން ފޯނު ބިޒީ ކޮށްލުމުން ދެން އިތުރަށް ގުޅާކަށް އައިޝާއަކަށް ނުކެރުނެވެ. އައިޝާ ނިންމައިގެން ހުރީ ނާއިކު ގެއަށް އައުމުން ދުންޔާއާ އެކުގައި ބޭރަށް ދިޔުމަށެވެ. އޭރުން ދުންޔާ ވެސް ވަރަށް އުފާވާނެ ތީއެވެ. އެގޮތަށް ބަލައިގެން އޭނާ ވަނީ ދުންޔާ ފެންވަރުވައި ރީތިވެސް ކޮށްފައެވެ. ނާއިކުގެ ކޯލަކަށް އިންތިޒާރުގެ ވަގުތުތައް ގުނަމުން އައިޝާ ބެލްކަނީގައި ދެކޮޅަށް ހިނގަމުން ދިޔައެވެ.
"މަންމީ. ކޮބާ ޑެޑީ؟ އަދިވެސް ނާދޭތަ؟" ދުންޔާ ދުވެފައި ކަހަލަ ގޮތަކަށް ބެލްކަންޏަށް ނުކުތެވެ.
"އާނ ދޫނީ. މަންމިއަށް ހީވަނީ އޮފީހުގަ ޑެޑީ ބިޒީވީ ހެން. އަދި ގުޅާލާނަން އިނގޭ.." އައިޝާ ފޯނު ނަގައި ނާއިކަށް ގުޅަން ޑައިލް ކޮށްލިއެވެ. ނަމަވެސް 2 ރިންގު ނުވަނީސް ނާއިކު ބިޒީކޮށްލިއެވެ.
"ހާދަ ވަރަކަށް އަނބިމީހާ ގުޅައޭ ދޯ" ގަޔަށް ހެދުން ހެޔޮވަރުކޮށްލަމުން ވާހިދާ ބަލައިލީ އެނދުގައި އޮތް ނާއިކަށެވެ. ތުންފަތުގެ އެއްކަނުން ނާއިކު ހީނލީ ގަދަކަމުންނެވެ.
"ގުޅާނެތާ ދޯ! އަހަރެން ދެން ދަނީ އިނގޭ.." ނާއިކު ވެސް އެނދުން ތެދުވުމަށްފަހު، ގަމީސް ލުމަށް އަވަސްވެ ގަތެވެ.
"އަދި އަންނައްޗޭ! އަހަރެން ވަރަށް އުފާވެއްޖެ، ނާއިކު އިސްވެ މިގެއަށް އައީމަ. އަދިވެސް އިސް ނަގައްޗޭ!" ވާހިދާ ވައި އަޑަކުން ބުނެލިއެވެ. ނާއިކު ހިނިތުންވެލަމުން ބޯޖަހައިލީ ވާހިދާގެ މޫނަށް ބަލައިލަމުންނެވެ.
"ދެން ދަނީ.." ނާއިކު ހިނގައިގަތީ ވާހިދާގެ އެޕާރޓުމެންޓުން ނުކުންނާށެވެ. (ނުނިމޭ)