މިއަހަރުގެ ނައިޓް މާކެޓް އޮންނާނީ މި އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން މިއަދު ބުނެފި އެވެ.
އެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ދެ އަހަރުގެ މެދުކެޑުމަކަށް ފަހު ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަހަރު ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމަށް ދޫކުރި 300 ފޯމް 24 ގަޑިއިރު ވެސް ނުވެ އެކީ ހުސްވެފައިވާ ކަމަށެވެ. އަދި ކޮންމެ ފޯމަކަށް ވެސް ތިން މޭޒު ދޫކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފޯމު ދޫކުރުން ހުއްޓާލި ނަމަވެސް، އެ މާކެޓްގައި ބައިވެރިވާން ގިނަ ބަޔަކު ބޭނުން ވާތީ ވެއިޓިން ލިސްޓްގައި ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ލިސްޓްގައި ވެސް 200 މީހުން ނަން ނޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ތަރުހީބެއް. އަޅުގަނޑުމެން މި ފަހަރު މާކެޓް މި ބާއްވަނީ 15 ދުވަހަށް. މީގެ ކުރިން ހަފްތާއެއް ނޫނީ ދެ ހަފްތާގައި ބާއްވަމުން އައީ. ގިނަ ވިޔަފާރިންގެ ހިޔާލަށް ބަލާފައި މި އިތުރުކޮށްލީ،" އާސިފް ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ވެސް ނައިޓް މާކެޓް ބާއްވަމުން އައީ، މާލޭ ސިޓީ ކައުންސިލުން އެކަން ކުރަން ހަވާލުކޮށްފައިވާ، ގޯ މީޑިއާ އިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ މާލޭ ސިޓީ ކައުންސިލަށް ނައިޓް މާކެޓް ބޭއްވުން މަނާކޮށް އެކަމުގެ ހުއްދަ، ވިޔަފާރިވެރިންގެ ޖަމްއިއްޔާ އަށް ދޫކޮށްފަ އެވެ.
އާސިފް ވިދާޅުވީ މިފަހަރު ބާއްވާ ނައިޓް މާކެޓްގައި ގިނަ ކަންތައްތަކެއް އިސްލާހު ކުރާނެ ކަމަށެވެ. އެގޮތުން ކުނީގެ މައްސަލަ އާއި މޭޒުތައް އަތުރާ ގޮތާއި ކަރަންޓްގެ ކަންތައްތަކަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިފަހަރުގެ ނައިޓް މާކެޓް އެހެން ފަހަރުތަކަށް ވުރެ މާބޮޑަށް ރަނގަޅުވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.