- ހަމަލާ ދެވުނު ނަމަ ރައީސްގެ ކާރުކޮޅު ބުރައިގެން ދާނެ
- އެތައް ބައެއްގެ ފުރާނަ ދިއުން އެކަށީގެންވޭ
- ޑައިމީޓަރުގައި 60 ފޫޓުގެ އަލިފާންގަނޑެއް އުފެދޭނެ
އިއްޔެ ހަވީރު މުލީއާގޭ ކައިރިން ގޮއްވާލަން މަސައްކަތްކޮށްފައިވާ ސްޓިކް ޑައިނަމައިޓް އައިޑީއަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށް ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައިގެ ހަނދާން އާކޮށް، ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ހދ. ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ ޖަލްސާގައި އުމަރު ވިދާޅުވީ މުލިއާގެ ކައިރިން ސިފައިން ހޯދި އައިއީޑީ ބާއްވާފައި ވަނީ ރައީސްގެ ކާރުކޮޅަށް އަމާޒުކޮށް ދޭ ހަަމަލާއެއްގެ ގޮތުގައި ގޮއްވާލާ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ މަގަކީ ރައީސް ވަރަށް ގިނައިން ގެއަށް ވަޑައިގަތުމަށް ދަތުރުފުޅު ކުރައްވާ މަގެއް ކަމަށެވެ.
އަދި ވިދާޅުވި އެވެ: "މިއީ ވެސް ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރާވާފައި އޮތް ރޭވުމެއް. ރައީސަކީ އެ މަގުން ކޮންމެ ދުވަހަކު ވަރަށް ގިނައިން ދަތުރުކުރައްވާ ބޭފުޅެއް. އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަޑައިގެންނެވުމަށް ޓަކައި އެމަގުން ވަރަށް ގިނައިން ދަތުރުކުރައްވާ،"
ރޭ އައިޑީއެއް ފެނިގެން އުޅުނު ވަގުތު އެންމެ ފުރަތަމަ އެފަދަ އެއްޗެއް ފެނިފައިވާކަން ފުރަތަމަ ޔަގީންކޮށް ދެއްވި މިނިސްޓަރު ވިދާޅުވީ އައިއީޑީ ބާއްވާފައި އޮތީ ރައީސް ޔާމީން ކާރުކޮޅުގައި އާދަވެ ދަތުކުރައްވާ މަގުގައި އޮތް ލޯރިއެއްގެ އޮއިލް ކޮމްޕާޓްމެންޓްމަތީގައި ކަމަށާއި ބޭނުމަކީ ރައީސްގެ ކާރު އަރާ ހަމަވީމާ ދުރުގައި ތިބެ ގޮއްވާލުމުގެ މަގުސަދުގައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
"އެގޮތަށް އެހަމަލާ ދެވުނު ނަމަ ރައީސްގެ ކާރު ބުރައިގެން ދިޔައީސް. އެ ބޮން ގޮއްވައިލެވުނު ނަމަ ފުޅާމިނުގައި 60 ފޫޓްގެ ބޮޑު އަލިފާން ބޯޅައެއް އުފެދޭނެ ވަރުގެ ވަރުގަދަ ޑައިނަމައިޓެއް އެއީ،" އުމަރު ވިދާޅުވި އެވެ. "އެވަރުގެ އަލިފާންގަނޑެއް އެ މަގުގައި އުފެދިއްޖެއްޔާ އެސަރަހައްދުގައި އެހެރަ ގެތަކަށް ވަރަށް ބޮޑު އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެއް،"