ކަނޑުމަތީގެ ހާދިސާ

ފިނޮޅެއްގައި ހާލުޖެހުނު ތިން މީހަކު ސަލާމަތްކޮށްފި

ޅ. އަތޮޅު ހުރަވަޅި ކައިރިން ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި ބިދޭސީން ތަކަކަށް ސިފައިން އެހީވެ ދީފި އެވެ.

ސިފައިން ބުނީ ހާލުގައި ޖެހިފައި ތިބީ ތިން މީހުން ކަމަށާއި އެއީ އެ ފިނޮޅަށް ވެލި ނަގަން ގޮސް ތިބި ބައެއް ކަމަށެވެ. އެތާނގައި އެމީހުން ހާލުގައި ޖެހުނީ މޫސުން ގޯސްވެ ކަނޑު ގަދަވެ ފިނޮޅުން ފޭބޭނެ ގޮތެއް ނެތިގެނެވެ.

ކޯސްޓްގާޑަށް އެ މީހުން ފެނިފައި ވަނީ މިއަދު 2:20 ހާއިރު އެ އަތޮޅު ހިންނަވަރަށް ދަތުރުކުރަމުން ދަނިކޮށެވެ، ސިފައިން ވަނީ މިހާރު އެ މީހުން ސަލާމަތްކޮށްފައެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާއެކު ކަނޑުމަތީގެ ތަފާތު ހާދިސާތައް ރެއާއި މިއަދު އައިސްފައި ވެއެވެ. އެގޮތުން މިއަދު މެންދުރު ތިން މީހުންނާއެކު މާލެ ކައިރީގައި އަޅާފައިވާ ތެޔޮ ބާޖެއްގެ ނަގިލި ވަނީ ކަހާލައިގެން ގޮސްފަ އެވެ.

އެ ހާދިސާގައި ނަގިލި ކަހާލައިގެން ގޮސްފައި ވަނީ 68 ފޫޓުގެ "ޓްރާންސް-ފިއުލް 9" ތެޔޮ ބާޖެކެވެ. އެބާޖުގެ ނަގިލި ކަހާލައިގެން ގޮސް ފޭދޫފިނޮޅުގެ ދެކުނުފަރާތު ފަރުމައްޗަށް ލައްވި އެވެ. ސިފައިން ވަނީ އެ ސަރަހައްދުގައި ވެސް ހަރަކާތެރިވެ މީހުން ސަލާމަތްކޮށްފަ އެވެ. އެހެން ހާދިސާގައި ތިން މީހަކު ދަތުރުކުރި ތެޔޮބޯޓެއް ވެސް އަޑިއަށް ދަނިކޮށް އެ މީހުން ވެސް ސަލާމަތް ކުރަން ޖެހުނެވެ.

މި ވިއްސާރައިގެ ތެރޭގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންނާއި މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.