ރައީސް މުހައްމަދު ނަޝީދު

މަޖިލީހަށް ޖަވާބުދާރީވުމަކީ ރައީސް ގަބޫލުކުރައްވާ ގޮތް: ނަޝީދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހަށް ތައުރީފް ކުރައްވާ ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރާ "ފުން މަސައްކަތަކަށް" ސަރުކާރުން ޖާގަދޭ މިންވަރާއި އެއްބާރުލުންދޭ މިންވަރާއި މައުލޫމާތު ފޯރުކޮށްދޭ މިންވަރު ފާހަގަކުރައްވާ ކަމަށެވެ.

"އާދެ، އަޅުގަނޑަށްވެސް އެނގޭ ގާނޫނީ ގޮތުން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނެ މައުލޫމާތު ދެއްވަންވެސް. ދެން އެހެންނަމަވެސް ޖެހިވަޑައިގަތަސް އެއްބާރުލުން ދެއްވަން އެދިވަޑައިނުގަންނަވަނީނަމަ ވަރަށް ގިނަ ކަންކަން ވަރަށް ގިނަ ގޮތްގޮތަށް ކުރެއްވޭނެ،" ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދެއްވާތީ އެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަންކަން ކުރާ ގޮތުން އެނގެނީ ޖަވާބުދާރީވުމަކީ ސަރުކާރުން އެދޭ ކަމެއްކަން އެނގޭ ކަމަށެވެ. އަދި އެއީ ވެރިކަމުގެ ނިޒާމު އޮންނަންޖެހޭ ގޮތް ކަން ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް "ހިތުގެ އަޑިން" ގަބޫލުކުރައްވާ ކަން އެކަމުން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި ވެސް ރައީސް ސޯލިހް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރަށާއި ރައީސް ސޯލިހަށް ރައީސް ނަޝީދު ތައުރީފް ކުރައްވާފައި މިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެމަނިކުފާނު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށް ސަރުކާރުން އެކަމަށް ރައްދު ދީފައިވާ ވަގުތެއްގަ އެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަން އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށްގެން ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.