ސްކޫލް

ސޭފް ސްކޫލް ޑިކްލަރޭޝަންގައި ބައިވެރިވާން ރުހުން ދީފި

ހަނގުރާމައިގެ ހާލަތާއި އަސްކަރީ ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް ތައުލީމްގެ ނިޒާމް ހިމާޔަތްކޮށް އަސްކަރީ ކަންކަމުގައި ތައުލީމީ ނިޒާމްތައް ބޭނުން ކުރުން ހުއްޓުވުމަށް ގައުމުތަކުން އަމަލު ކުރަންޖެހޭ ޝަރުތުތައް ކަނޑައަޅާ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ "ސޭފް ސްކޫލް ޑެކްލަރޭޝަން" ގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުންދީފި އެވެ.

އެ މުއާހަދާގައި ބައިވެރިވުމާމެދު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 34 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ މުއާހަދާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދެ ގަރާރެއްގެ ދަށުން ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު 2015 ވަނަ އަހަރު އާޖެންޓީނާއާއި ނޯވޭއިން އިސްނަގައިގެން އެކުލަވާލައިފައިވާ މުއާހަދާ އެކެވެ.

އެ މުއާހަދާގެ ދަށުން ހަނގުރާމައިގެ ހާލަތުގައިވެސް މަދަރުސާތަކާއި ޔުނިވާސިޓީތަކަކީ ތައުލީމް ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރާއްކާތެރި ތަންތަންކަަމަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި އަސްކަރީ ހަމަނުޖެހުންތަކުގައި ގެއްލުންލިބޭ އުނގަންނައިދޭ ތަންތަނާއި ހަމަލާތައް އަމާޒުވާ ފަރާތްތަކުގެ ސައްހަ މައުލޫމާތާއި އަސްކަރީ ބޭނުންތަކަށް ނެގޭ އުނގަންނައިދޭ ތަންތަނުގެ މައުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އެ މުއާހަދާގައި ހިމެނޭ ދެން އެންމެ މުހިންމު އެއް ނުކުތާއަކީ އަސްކަރީ ހަަމަލާތަކުގައި ގެއްލުން ލިބޭ އުނގަންނައިދޭ ތަންތަން އަލުން ގާއިމްކުރު މެވެ.