ސުޕްރީމް ކޯޓް

އަނބުރާ ދިން ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށް ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލެއްވި ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހަސަން މޫސާ އަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއް ނޫން ކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ސާބިތު ދަރަންޏަކަށް ފައިސާ ދެއްކުމަށް ފ. ބިލަތްދޫ ކޯޓުން ހުކުމްކޮށްފައިވާތީ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިސީން މިގޮތަށް ނިންމުމުން ހަސަން މޫސާ ވަނީ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ސުޕްރީމް ކޯޓުން ކުރިން ނިންމީ ހަސަން މޫސާގެ ކެންޑިޑެސީ ގަބޫލުނުކުރުމަަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ.

މިމައްސަލަ އާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރީ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަންވެސް އުއްތަމަ ފަނޑިޔާރު އެ ދުވަހު ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ފޯމް ކޮމިޝަނަށް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148.28 ރުފިޔާ ދައްކަން އޮތުމުން އޭނާ އަކީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހުން ނޫން ކަން އެނގޭ ކަމަށެވެ.

އެހެންކަމުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ، ހަސަން މޫސާގެ ނަން ކަނޑޫދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓުގައި ހިމެނުމަށް އެ ކޯޓުން ކުރިން ކުރި އަމުރު ބާތިލުކޮށް، އޭނާގެ ކެންޑިޑެންސީ ގަބޫލުނުކުރުމަށް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ހަސަން މޫސާ އާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓަށް މިވަނީ އިންތިހާބަކާ ނުލައި އޭނާގެ މަގާމު ޔަގީންވެފަ އެވެ.