ރައްޔިތުންގެ މަޖިލިސް

އަލީ މައްސަލައަށް ފާރަވެރިވާން މަޖިލީހުން ފާސްކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލުކޮށް، އޭނާ ރާއްޖެއިން ފުރައިގެން ދާން އެ ކޯޓުން ފަހުން ހުއްދަ ދިން މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުގައި މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓުގައި، އެ މައްސަލައިގައި އަލީ ފުރަން ކްރިމިނަލް ކޯޓުން ހުއްދައެއް ދީ އޭނާގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުއްވި އެކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޕީޖީ އޮފީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެކޯޓު އަމުރު ހައިކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިެ އެވެ.

ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ އެ ކޮމިޓީ އޮންނާނީ މިމައްސަލާގައި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށްދާ ގޮތަށް ފާރަވެރިވެ ކައިރިން ބަލަން ކަމުގަ އެވެ. އަދި ކޮމިޓީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ވަނީ ވޯޓަށް އަހާފަ އެވެ. މިރިޕޯޓް ފާސްކުރުމަށް 33 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ކުރީގެ ވަޒީރު އަލީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނިކޮށެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު އޭނާ ވަޑައިގަތީ ތުރުކީގެ އިސްތަންބޫލަށެވެ.