ރާއްޖެ ކުޅިވަރު

ނިއުގެ ކޯޗުގެ ބަސް: ކުޅުންތެރިންނާ ދިމާނުކުރާތި!

ވެލެންސިއާ އަތުން އިއްޔެ 4-2 އިން ނިއު ބަލިވުމުން އެ ޓީމުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ މިހެންނެވެ.

"ބަލިވުމުގެ ޒިންމާ ނަގާނީ އަހަރެން. އަހަރެން ފުރިހަމަ އަށް ޒިންމާވަން މިއަދު ބަލިވުމުގައި. ސަޕޯޓަރުންނާއި ކުލަބުގެ ކިބައިން އަހަރެން ވަރަށް މައާފަށް އެދެން. ހަމަމިއާއެކު ސަޕޯޓަރުންނަށް އަހަރެން ބުނެލަން އޮތީ އެއްވެސް ކުޅުންތެރިއަކަށް ދިމާ ނުކުރާށޭ. ހާއްސަކޮށް އެއްވެސް މީހަކާ ދިމާ ނުކުރާށޭ. އަހަރެން ބަލިވުމުގެ ޒިންމާ ނަގަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ލަންކާގެ ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

ކޯޗު ބުނީ ނިއުގެ ކުޅުންތެރިން ތިބެނީ އަބަދުވެސް ޕްރެޝަރުގައި ކަމަށެވެ. ސަބަބަކީ ލީގު ޗެމްޕިއަންކަން ހޯދަން ޖެހުން ކަމަށެވެ.

"ޗެމްޕިއަނުންނަށްވާން ޖެހޭތީވެ އެމީހުން ތިބެނީ އަބަދުވެސް ޕްރެޝަރުގައި. މިއަދު މޮޅުވި ނަމަވެސް ތިބޭނީ ޕްރެޝަރުގައި. ދެން އަހަންނަކަށް ނޭނގެ އެމީހުން ކިބާގައި މި ޕްރެޝަރުން އަރައިގަތުމުގެ ވިސްނުންހުރީ ކިހާވަރަކަށް ކަމެއް. ބަލަމާ ހިނގާ ދެން އަންނަ މެޗަކަށް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ 18 މިނިޓްގައި ވެލެންސިއާ ތިން ލަނޑު ޖެހުމުން ނިއުގެ މުޅި ޓީމަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.

"ފުރަތަމަ އަދި ދެ ވަނަ އަދި ތިން ވަނަ ގޯލަކީ ވަރަށް ބޮޑު ޝޮކެއް. އެމީހުން އަހަރުމެންނަށް އެޓޭކްކުރި. އެކަމަކު ފުރަތަމަ 15 މިނިޓްތެރޭގައި ތިން ގޯލު ޖެހުމުން މުޅި ޓީމަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު. ވަރަށް ބޮޑު ޝޮކެއް އެއީ،" 23 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

މި މެޗުން މޮޅުވިނަމަ ނިއު އަށް ފަސް ޕޮއިންޓްގެ ލީޑެއްގައި ދެމިއޮވެވޭނެ އެވެ. ނަމަވެސް ވެލެންސިއާ އަތުން ބަލިވެ، ރޭ މަހިބަދޫ އަތުން ޓީސީ މޮޅުވުމުން ނިއުގެ ލީޑު ވަނީ ދެ ޕޮއިންޓަށް ހަނިވެފަ އެވެ.

މި މެޗަށް އިއްޔެ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ޓީމު ނުކުތީ ޓީމުގެ ވަރަށް މުހިންމު ތިން ކުޅުންތެރިން ނުލަ އެވެ. އެއީ އަނިޔާގައި ހުރި ވިލިއަން މެކޯ އާއި ދެ ރީނދޫކާޑު ހަމަވެގެން މެޗަށް ސަސްޕެންޑްވެފައި ތިބި ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ. މީގެ ތެރެއިން ކުޑައްޓޭ އާއި އަޑުބަރޭ އަށް މަހިބަދޫ މެޗުގައ ދެއްކި ރީނދޫކާޑުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވުމުން ކޯޗު ވަނީ އެ މެޗުގެ ރެފްރީ އަށް ނުރުހުން ފާޅުކޮށްފަ އެވެ.

"އެކަމަކު އަހަރެން އުޒުރު ދައްކާކަށް ބޭނުމެއްނޫން. އަހަރުމެން ބަލިވީ. އެކަމަކު ހަނދާން ކުރަން ޖެހޭ ވިލިއަން އަކީ ލީގުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ. އަޑޭ އަކީ ނިއުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިއެއް. ކުޑައްޓޭ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ. އަހަރެންގެ ޝަކުވާއެއްނެތް އަނިޔާވެގެން ނުކުޅެވުމުން،" ކޯޗު ބުންޏެވެ.