ޅ. ނައިފަރުގައި ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު އިތުރުވެ އެރަށުގައި ފިޔަވަޅުތައް އަޅަމުންދާ ގޮތުން ކަންބޮޑުވެވަޑައިގެން އެ ދާއިރާގެ މެންބަރުގެ އުދާސްތައް ބަންޑުންކޮށްލައްވައިފި އެވެ.
ނައިފަރަށް އުފަން މެންބަރު ޝިޔާމް ވެސް މިވަގުތު ގެންދަވަނީ ކޮވިޑް ޖެހިގެން އެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ޝިޔާމް މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ނައިފަރުގެ ހާލަތާ ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނައިފަރަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން އާއިލާތައް ދިރިއުޅޭ ރަށެއް ކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ އެޗްޕީއޭ އިން އާންމުކޮށް އަމަލުކުރާ ގައިޑްލައިނާ އެއްގޮތަށް ނައިފަރު ކަހަލަ ރަށެއްގައި އަމަލުކުރުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަވާފަ އެވެ.
"ގެއަކުން ޕޮޒިޓިވް ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު މިއޮންނަނީ މުޅި ހިސާބުގެ ގެތަކު މީހުން އައިސޮލޭޝަން އަށް ދާން ޖެހިފައި. ހުރިހާ ގެއެއް ޓޭޕް ދަމާ މޮނިޓަރިންއަށް ލަމުން ދަނީ. ގޭބިސީއެއްގައި 10-15 މީހުން ދިރިއުޅޭއިރު މިގޮތަށް ތޮއްޖެހިގެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާ ތިބެން ޖެހުމުން ދިމާވާ މައްސަލަތައް މަދެއް ނުވާނެ." ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައިފަރުގައި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުން އެކީހެން އައިސޮލޭޝަނަށް ދާން ޖެހޭ ހިސާބަށް ދިއުމަކީ ކޮވިޑް 19ގެ ނަތީޖާތައް މިހާރު އެރަށުގައި އަންނަގޮތުން ދުރުގައިވާ ކަމެއް ނޫން ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މުޅިރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ ކަމަށާއ މިވަގުތުވެސް އެންމެ މުހިއްމު މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވީ އައިސޮލޭޝަންގައި ކަމަށްވެސް ވިދާޅުވި އެވެ.
"ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތް މިވަގުތު ނެތުމަކީވެސް މިހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއް. ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަންޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމައު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް. އަދި ރަށުގެ ހަގީގީ ހާލަތު ދެނެގަންނަން އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" ޝިޔާމުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތް މިވަގުތު ނެތުމަކީވެސް މިހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއް. ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަންޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމައު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް. އަދި ރަށުގެ ހަގީގީ ހާލަތު ދެނެގަންނަން އޮތް ވަރަށް ބޮޑު ގޮންޖެހުމެއްއަހްމަދު ޝިޔާމް ނައިފަރު | ދާއިރާގެ މެންބަރު
ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅާ، ހާލަތު ބަޔާންކޮށްދީ އަދި ހާލަތު ބަދަލުކުރުމަށް ރަނގަޅު އަވަސް މަސައްކަތްތަކެއް ކޮށްދިނުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ނައިފަރުގެ ހާލަތު ރަނގަޅު ކޮށްދިނުމަށްޓަކައި ވީއެންމެ އަވަހަށް އެންމެ ރަނގަޅު ފިޔަވަޅުތައް އަޅައިދެއްވުމަށް ވެސް ޝިޔާމް ވަނީ ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައްވާފަ އެވެ.
ނައިފަރުގެ ހުރިހާ ގެއެއްގައި ޓޭޕް ދަމާ، ރަށް މޮނިޓަރިންނަށް ލައި، ރަށުގެ ރައްޔިތުން ގޭގައި ބަންދުކޮށް ރައްޔިތުން ބިރުވެެިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއް ނޫން ކަމުގައިވެސް ޝިޔާމް ވިދާޅުވި އެވެ. މިވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށާއި ކޮވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ގާއިމުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ސިއްހީ އިތުރު މަސައްކަތްތެރިން ވެސް ނައިފަރަށް ބޭނުންވާ ކަމަށާއި ތަންފީޒީ އިދާރާތަކުގެ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭ ކަމުގައިވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
"މިހައްސާސް ދަނޑިވަޅުގައި ނައިފަރުގެ ދަރުމަވެެރިންގެ ފަރާތުން ފެންނަނީ އާދަޔާ ހިލާފް ހިދުމަތްތެރި މަސައްކަތްތަކެއް. ދަރުމަވެރިންގެ މަސައްކަތުގައި ﷲ سبحانه و تعالى ބަރަކާތް ލައްވާށި. ކޮވިޑުގެ ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ އެ އާއިލާތަކަށާއި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ކެތްތެެރިކަމާއި ރައްކާތެރިކަން ދެއްވާށި." ނައިފަރުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރައްވަމުން ޝިޔާމް ވިދާޅުވެފައިވެ އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން މިއަދު މެންދުރުފަހު 1:00 ޖެހިއިރު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 43 މީހަކަށް އެރަށުގައި ދަނީ ފަރުވާ ދެމުންނެވެ. ނައިފަރުގެ ކައިރީގައިވާ ހިންނަވަރާއި އެރަށުގެ ކައިރީގައިވާ ސިނާއީ ރަށް، ފެލިވަރުން ވެސް ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މި ދެރަށް ވެސް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.