ކުމާރު ގޯރަވް އާއި ވިޖޭތާ ޕަންޑިތުގެ "ލަވް ސްޓޯރީ" ރިލީޒް ކުރިތާ 40 އަހަރު ފުރުން ދާދިފަހުން ވަނީ ފާހަގަ ކޮށްފަ އެވެ. "ލަވް ސްޓޯރީ" އަކީ ހިންދީ ސިނަމާގެ މޫނުމަތި ބަދަލުކޮށްލި ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި ފިލްމު ރިލީޒް ކުރުމާއެކު ކުމާރު ގޯރަވް އާއި ވިޖޭތާ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ތަރިންނަށް ވެގެން ދިޔަ އެވެ.
ފިލްމަށް ލިބުނު ކާމިޔާބުގެ ބޮޑުކަމުން ކުމާރު ގޯރަވް އާއި ވިޖޭތާ އަށް ފިލްމުތައް އޮހެން ފެށި އެވެ. ނަމަވެސް ކެރިއަރުގެ ވަކި ހިސާބަކުން ވިޖޭތާ ފިލްމު ކުޅުން ހުއްޓާލީ އެވެ. ބޮޑު ސްކްރީނުން އޭނާ މުޅިން ގެއްލުނީ އެވެ.
އޭގެ އެތައް އަހަރެއް ފަހުން މިހާރު ވިޖޭތާ ފިލްމީ ދުނިޔެއަށް އެނބުރި އަންނަން ވަނީ ތައްޔާރުވެފަ އެވެ. ދާދިފަހުން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިޖޭތާ ވަނީ އަލުން ފިލްމު ކުޅެން ފަށަން ގަސްތުކުރާ ކަމަށެވެ.
![](https://images-01.avas.mv/post/big_RrHyNR4OXENnav5ywI5b1M5eX.jpeg)
"އަލުން އެނބުރި އަންނަން މި އުޅެނީ. ވަރަށް އަވަހަށް އެކަމާ ބެހޭ އެނައުންސްމަންޓެއް އިވޭނެ،" ވިޖޭތާ ބުންޏެވެ.
ވިޖޭތާ ބުނީ އަލުން ފިލްމު ކުޅެން ފަށަން ނިންމީ ފިރިމީހާ މަރުވުމުން އެކަނިވެރިކަމާއި ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާތީ އެވެ. އަދި ފައިސާގެ ގޮތުން ވެސް ވަރަށް ދަތި ހާލުގައި އުޅޭކަމަށް އޭނާ ބުންޏެވެ.
ވިޖޭތާ ކައިވެނި ކޮށްގެން އުޅުނީ ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އާދޭވް ޝްރިވާސްތަވް އާ އެވެ. މީގެ ފަސް އަހަރު ކުރިން އާދޭޝް ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ.
އާދޭޝް އާއި ވިޖޭތާގެ ދެ ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު އަވިތޭޝް، 23، އަކީ އޭނާގެ ބައްޕަ ފަދައިން މިއުޒިކްގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ އެ ހުނަރު ހުރި މިއުޒީޝަނަކެވެ.
ދާދިފަހުން ރިލީޒްކުރި ޓައިގާ ޝްރޮފްގެ އަމިއްލަ އަޑުން ކިޔާފައިވާ ދެ ލަވަ "ކެސަނޯވާ" އާއި "އަންބިލީވަބަލް"ގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އަވިތޭޝް އެވެ.
ފުރަތަމަ ފިލްމު "ލަވް ސްޓޯރީ" ލިބުނު ގޮތް ވެސް ވިޖޭތާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމު ލިބުނީ ދައްތަ ސުލަކްޝަނާ ޕަންޑިތުގެ ޝޫޓިންގްތައް ހަފުތާ ބަންދުގައި ގޮސް އުޅުމުގެ ތެރޭގަ އެވެ.
"ޑިމްޕަލް ސްޓޫޑިއޯގައި އޮތް ދައްތަ ކުޅުނު ފިލްމެއް ކަމަށްވާ "ގަރަމް ޚޫން"ގެ ޓްރަޔަލް އަކަށް އަހަރެން ގޮސް ހުއްޓާ ރާޖެންދުރަ ކުމާރަށް އަހަރެން ފެނިގެން އަހަންނާ ބެހޭ މައުލޫމާތު އެތާ ތިބި މީހުން ފަރާތުން ހޯދީ. ފަހުން އޭނާ އަހަރެންގެ ގެޔަށް އައިސް ދައްތަ އާ ބައްދަލުކޮށްފައި އަހަރެން ލައްވާ ފިލްމެއް ކުޅުވަން ޝައުގުވެރިވާކަން ފާޅުކުރީ. އެއީ ޕްރޮޑިއުސަރެއްގެ ގޮތުގައި ރާޖެންދުރަ ކުމާރު އުފެއްދި ފުރަތަމަ ފިލްމު. ދައްތަ އެ ދުވަހު އޭނަ ކައިރީ ބުނި އަހަރެންނަކީ އަށް 8 ވަނަ ގްރޭޑުގައި ކިޔަވާ ކުއްޖެކޭ. ވީމާ މައިންބަފައިން ކައިރީ އަހާފައޭ ވަކި އެއްޗެކޭ ބުނެވޭނީ. ދައްތަ އެހީމަ މައިންބަފައިން ބުނި ކިޔަވާ ނިންމާފައޭ ފިލްމު ކުޅެވޭނީ. ނަމަވެސް އަހަރެން ބުނިން އަހަރެން ބޭނުމޭ އެކްޓްކުރަން. އަދި ފިލްމު ކުޅުނަސް ކިޔަވުން ފުރިހަމަ ކުރާނަމޭ،" ވިޖޭތާ ބުންޏެވެ.
ރާޖެންދުރަ ކުމާރު ބޭނުންވީ ވިޖޭތާ އަށް އެކްޓްކުރަން އެނގޭތޯ އާއި ފިލްމުން ފެންނަ ގޮތް ބަލާލަން ސްކްރީން ޓެސްޓެއް ހަދާށެވެ. އެ ސްކްރީން ޓެސްޓުގައި ކުމާރު ގޯރަވް (ބަންޓީ)ވެސް ބައިވެރި ކޮށްގެންނެވެ. ނަމަވެސް ވިޖޭތާ އެއަށް ވުރެ މާ ބޯހަރެވެ. ސްކްރީން ޓެސްޓް ހަދާކަށް އޭނާ ބޭނުމެއް ނުވި އެވެ.
"އެންމެ ފަހުން ރާޖެންދުރަ ކުމާރު މި ވާހަކަ ރާޖް ކަޕޫރު ކައިރީ ބުނުމުން ރާޖް ދިން ލަފަޔަކީ މިހާރު ތިބި އެކްޓަރުންނާއެކު ފިލްމުގެ މަސައްކަތް ފެށުމަށްފަހު ހުރހާ އެކްޓަރުން ރޯޝަން ތަނޭޖާގެ ކައިރިއަށް ފޮނުވައިގެން އެކްޓިންގެ ކްރޭޝް ކޯހެއް ހެއްދުމަށެވެ.
އެގޮތުން ކުމާރު ގޯރަވް އާއި އޭނާ ތިން މަސް ދުވަހުގެ އެކްޓިން ކޯހެއް ހެދި ކަމަށް ވިޖޭތާ ބުންޏެވެ.
"ލަވް ސްޓޯރީ" ރިލީޒްކުރި ދުވަސްވަރު ވިޖޭތާ އާއި ކުމާރު ގޯރަވްގެ ލޯބީގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވުނެވެ. ނަމަވެސް މިހާރު އެ ވާޙަކަތައް ދައްކަން ވިޖޭތާ ބޭނުމެއް ނޫނެވެ.
"މިހާރު އަހަރެންގެ ދަރިން ބޮޑެތިވެއްޖެ. ވީމާ އެ ވާޙަކަ މިހާރު ދެއްކުން އެހާ ރަނގަޅު ކަމެއް ކަމަކަށް ނުދެކެން،" ވިޖޭތާ ބުންޏެވެ.
ކުރީގެ މަޝްހޫރު ބަތަލާ އަދި ވިޖޭތާގެ ދައްތަ ސުލަކްޝަނާ ވެސް ބަލަނީ ވިޖޭތާ އެވެ. ސުލަކްޝަނާ އިންނަނީ ދުނިޔެއިން މޮޔަވެފައި ކަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް ވިޖޭތާ ބުނީ އޭނާގެ ދައްތަ "މެންޓަލް"އޭ ކިޔައިގެން ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.