ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ އާ ފިލްމެއް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމަކީ ސައިފް އަލީ ހާނާއި އަމްރިތާ ސިންގުގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑް ދަތުރު ފަށާ ފިލްމެވެ. ނަމަވެސް މި ފިލްމުގައި އިބްރާހީމް މަސައްކަތް ކުރާނީ އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
މިއީ އާދައިގައި ވެސް ކަރަންގެ ފިލްމުތަކުގައި ހުންނަ ރޮމެންޓިކް ޑްރާމާ ފެންނާނެ ފިލްމެކެވެ.
ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މިކަހަލަ މަޖާ ލޯބީގެ ފިލްމެއް އުފައްދަން ކަރަން ކެތްމަދުވެފައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެސް އެވެ. ނަމަވެސް އޭނާގެ ޑްރީމް ޕްރޮޖެކްޓް "ތަޚުތު"ގެ ޕްރި-ޕްރޮޑަކްޝަން މަސައްކަތްތަކާ ހެދި އެފަދަ ފިލްމެއް އުފައްދަން ނޫޅެވިފައި އޮތީ އެވެ. މިހާރު "ތަޚުތު"ގެ ޕްރޮޑިއުސަރުން އެ ފިލްމަށް ފަންޑުކުރުމަށް ޖެހިލުންވެ ފިލްމު އުފެއްދިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެންވެ އިހަށް އެ ފިލްމު ބާއްވާފައި ރަންވީރު އާއި އާލިއާ އާއެކު އާ ފިލްމެއް ފަށަން ކަރަން ނިންމީ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި އިބްރާހީމްގެ ފިލްމީ ކެރިއަރުގެ ހުރިހާ ކަމެއް އޭނާގެ މައިންބަފައިން މިހާރު ވަނީ ކަރަން އާ ހަވާލުކޮށްފަ އެވެ. އެހެންވެ އިބްރާހީމް ލޯންޗުކުރުމުގެ މަސައްކަތް ކަރަން މިހާރު ދަނީ ކުރަމުންނެވެ.
އާންމުކޮށް ފިލްމީ ތަރިންގެ ދަރިން ފިލްމު ކުޅެން ފަށާއިރު ކޮންމެވެސް ޑައިރެކްޓަރެއްގެ ކައިރީގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ފިލްމު އުފެއްދުމާ ގުޅޭ ތަޖުރިބާތައް ހޯދަ އެވެ. އެގޮތުން އިބްރާހީމް ވެސް އެކްޓަރެއްގެ ގޮތުގައި ތައާރަފްވާނީ ރަނގަޅަށް ފިލްމު އުފެއްދުމާ ގުޅޭ ކަންކަން ދަސްކޮށްގެންނެވެ.
އިބްރާހީމަކީ އަދި އެންމެ 20 އަހަރުގެ ޒުވާނަކަށް ވާތީ އެހާ އަވަސް އަރުވާލައިގެން އޭނާ ބޮލީވުޑަށް ނެރޭކަށް ކަރަން ބޭނުމެއް ވެސް ނޫނެވެ. މަޑުމަޑުން ހުރިހާ ކަމެއް ވެސް އެނގިގެން ހީރޯއެއްގެ ގޮތުގައި ބޮޑު ފިލްމަކުން އިބްރާހީމް ތައާރަފްކުރުމަކީ ކަރަން ބޭނުންވާ ގޮތެވެ.
އިބްރާހީމް އަކީ އަދި ކޮލެޖުގައި ކިޔަވާ ދަރިވަރަކަށް ވާތީ އޭނާ އެކްޓަރެއްގެ ގޮތުގައި ފެންނަން އަދި މަދުވެގެން ދެ ތިން އަހަރެއް ނަގާނެ ކަމަށް ބެލެވެ އެވެ. އެހާތަނަށް ކިޔަވަމުން ފިލްމީ މަސައްކަތް ވެސް އިބްރާހީމް ދަސްކުރާނެ އެވެ.