ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލަފައިވާ ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް ފަށައިފި އެވެ.
މިދަތުރުތައް އަލުން ފެށުމުގެ ގޮތުން ސިންގަޕޯ އެއާލައިންގެ ފްލައިޓެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. ދަތުރުތައް އަލުން ފެށުމާ ގުޅިގެން ހަފްތާއަކު ތިން ދުވަހު ރާއްޖެ ދަތުރުކުރާނެ ކަމަށްވެސް ސިންގަޕޯ އެއާލައިނުން މައުލޫމާތުދެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު އަދި އަންގާރަ ދުވަހު ސިންގަޕޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.
ސިންގަޕޯ އެއާލައިންސް އަކީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ދަތުރު ކުރަމުން ގެންދާ އެއާލައިން އެކެވެ.
ސިންގަޕޯ އެއާލައިންސްގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ސިލްކް އެއާ އާއި ފްލައި ސްކޫޓު ވެސް މިހާރު ރާއްޖެ އަށް ދަތުރު ކުރެ އެވެ.
ސިންގަޕޯ އެއާލައިންގެ ދަތުރުތައް ފެށުމާއިއެކު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގްވާމީ އެއާލައިންތަކުގެ އަދަދު މިވަނީ 30 އަށް އަރާފަ އެވެ. މީގެތެރެއިން 23 އެއާލައިނަކީ ޝެޑިއުލްކޮށް ރާއްޖެ ދަތުރުކުރާ އެއާލައިންތަކެވެ.