ބޭރު ކުޅިވަރު

މޮރީނިއޯ ގެންދަން މޮނާކޯއިން 35 މިލިއަން ޕައުންޑު، އަބްރޮމޮވިޗް އަޅައިވެސްނުލި!

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ގަތުމަށް ފްރާންސްގެ މޮނާކޯއިން 35 މިލިއަން ޕައުންޑް ގަތުމަށް ހުށަހެޅުމުން ޗެލްސީން ބޮލާލައި ޖަހައިފި އެވެ.

ޗެލްސީގެ ވެރިޔާ ރަޝިޔާގެ ރޯމަން އަބްރޮމޮވިޗް މިހުށަހެޅުން ގަބޫލުނުކުރީ 2019 ވަނަ އަހަރުގެ ނިޔަލަށް މޮރީނިއޯ ހުންނާނީ ޗެލްސީގައި ކަމަށް ބުނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

އަދި އަބްރޮވިޗްގެ މި ނިންމުމަކީ މޮރީނިއޯ އަށް އޭނާ ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ސީޒަނުގެ 11 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ ޓޭބަލުގެ 15 ވަނަ އަށް ޗެލްސީ ވެއްޓިފައިވާއިރު މޮރީނިއޯ އަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ބުނެ އެވެ. ނަމަވެސް މޮނާކޯގެ ހުށަހެޅުން އަބްރޮމޮވިޗް ގަބޫލު ނުކޮށް ދޫކޮށްލި ދުވަހަކީ ކުރިމަގުގައި ވެސް އޭނާ ހުންނާނީ ޗެލްސީގައި ކަމަށް ބުނެ މޮރީނިއޯ މިދިޔަ ހަފުތާގައި އިންޓަވިއުދީފައިވާ ދުވަހެވެ.