ބޭރު ކުޅިވަރު

ޗެލްސީ މޮޅުވެ، މޮރީނިއޯ އަށް ހިތްހަމަޖެހުން

ޗެމްޕިއަންސް ލގު ފުޓްބޯޅަ މުބާރާތުގައި ރޭ ޑީނަމޯ ކިއޭވް އަތުން 2-1އިން މޮޅުވުމަކީ އޭނާ އާއި ޓީމަށް ލިބުނު ވަރަށް ހިތްހަމަޖެހުމެއް ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކިއޭވްގެ އެލެގްޒެންޑާ ޑްރަގޮވިޗް ދެ ޓީމަށް ވެސް ގޯލު ޖަހައިދިން މެޗުން ޗެލްސީ މޮޅުކޮށްދިނީ 83 ވަނަ މިނިޓްގައި ވިލިއަން އެވެ. ޗެލްސީގެ ފުރަތަމަ ލަނޑަކީ ޑްރަގޮވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން އޭނާ ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ މި ކާމިޔާބީ އަކީ ބަދުނަސީބުވެރި ދުވަސްކޮޅެއްގައި އިތުބާރާއެކު ކުޅެގެން ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

"ކުޅުންތެރިންގެ ބުރަ މަސައްކަތަށް އެމީހުންނަށް ހައްގު ކާމިޔާބީއެއްމިއީ. މި މެޗުގެ ތަފާތަކީ އަހަރުމެން އިތުބާރާއެކު ކުޅުން. އަހަރުމެންނަށް ނެގެޓިވް ދުވަސްކޮޅެއްމިއީ. އެކަމަކު ކުޅުންތެރިން އެކަން ބާއްވާފައި އިތުބާރާއެކު ކުޅުނީ. އޭގެ ސަބަބުން މޮޅެއް މި ލިބުނީ،" ބަލިވެއްޖެނަމަ ވަޒީފާގެ ގެއްލުމުގެ ބިރުބޮޑުވާނެކަން ދެނެހުރި ކޯޗު ބުންޏެވެ.

އޭނާ ބުނީ ޗެލްސީގައި އޭނާ ހުންނާނީ ކިހާދުވަހަކުކަން ނޭނގޭ ކަމަށާއި ނަމަވެސް އަބަދުވެސް ޗެލްސީގެ ސަޕޯޓަރުންނަށް ކޮށްދޭންޖެހޭ ކަންތައްތައް އޭނާ ކޮށްދޭނެ ކަމަށެވެ.

މި މެޗުން މޮޅުވުމުން ޗެލްސީ އޮތީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނާގަ އެވެ. ކިއޭވެ އޮތީ ފަސް ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއްވަނާގައިވަނީ ޕޮއިންޓެއް ނުލިބި އޮތް މެކަބީ ޓެލްއަވީވް އަތުން މިރޭ 3-1އިން މޮޅުވި މޮރީނިއޯގެ ކުރީގެ ޓީމު ޕޯޓޯ އެވެ. އެއީ 10 ޕޮއިންޓާއެކުގަ އެވެ.