އިގްތިސޯދު

މިއަހަރު އިގްތިސޯދު 34 ޕަސެންޓަށް ކުރިއަރާނެ: އަމީރު

ރާއްޖެއަށް މިއަހަރު އަދި އެއް މިލިއަން ފަތުރުވެރިން އައި ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ އިގްތިސޯދު 34 ޕަސެންޓަށް މި އަހަރު ކުރިއަރައިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ބައްދަލުވުމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ށ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ބޭއްވި އެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ 2020 ވަނަ އަހަރު އިގްތިސޯދަށް އައި ހީނަރު ކަމަށް ފަހު ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ.

އަދި ވިދާޅުވީ މިއަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ނެޝެނަލް ޓެންޑާ ބޯޑުން އެކަނި ވެސް 12 ބިލިއަން ރުފިޔާގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ކަމަށެވެ.