ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ފަންނީ މީހުންނަށް ދޭން ކަނޑައަޅާފައިވާ ފްލެޓްތައް އަތުލަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ގޮވާލައްވައިފި އެވެ.
ސަރުކާުރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާ ގުޅޭގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އޭނާ ވިދާޅުވީ ސޯޝަލް ހައުސިން ސްކީމެއްގެ އެންމެ އަސާސީ ކަމަކީ ދިރިއުޅުމުގެ ހާލަތު ބެލުން ކަމަށެވެ. އެހެން ނަމަވެސް ބައެއް ކެޓަގަރީތަކުން ފްލެޓްތައް ދިންއިރު ދިރިއުޅުމުގެ ހާލަތަށް ނުބަލަ އެވެ. އެފަދަ އެއްް ކެޓެގަރީއެއްގެ ގޮތުގައި އޭނާ ނެންގެވީ ޓީޗަރުންނާއި ނަރުހުން ފަދަ ފަރާތްތަކަށް ކަނޑައަޅާފައިވާ ފަންނީ މީހުންގެ ކެޓަގަރީ އެވެ.
"މިހާރު އަންނަ ސުވާލަކީ ދެން ހެދޭނީ ކިހިނެއްތޯ؟ އަޅުގަނޑަށް ފެންނަ ގޮތަކީ ފަންނީ ފަރާތްތަކަށް ހޮވިފައި ތިބި ފަރާތްތަކުގެ އެ ފްލެޓްތައް އެބޭފުޅުންގެ އަތްޕުޅުން ނަންގަވައި އަދި އެބޭފުޅުންނަށް އެހެން ފުރުސަތެއް ކުރިއަށް އޮތް މަޝްރޫއަކުން ލިބޭނެ އިންތިޒާމެއް ހަމަޖެހި އަދި އެ ބޭފުޅުންނަށް އެ ޔަގީންކަން ދެވި އެ ނެގޭ ފްލެޓްތައް އެއީ މާލޭގައި ދިރިއުޅުގައި ހާލަތު އިންތިހާއަށް ދެރަ ނިކަމެތިންނަށް އެމީހުންނަށް އެ ފްލެޓްތައް ލިބޭނެ ގޮތެއް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.
ފަންނީ މީހުންނަށް ދޭ ފްލެޓްތައް އަތުލަން ގޮވާލިއިރު ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަތަށް 50 ޕޮއިންޓަށްވުރެ މަދުން މާކްސް ލިބިފައިވާ ފަރާތްތަކުގެ ފްލެޓްތައް ނުދޭން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ދޭން އޮތް އެއް ކޮޓަރީގެ ފްލެޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ފްލެޓްތައް ނުދޭން ނިންމުމުން މިހާރުވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ފްލެޓް މައްސަލަ ބަލަން ފެށީވެސް ފްލެޓްތަކުގެ ދާއިމީ ލިސްޓު އެންމެ ފަހުން ނެރުނުއިރު ގިނަ ބަޔަކަށް ފްލެޓް ނުލިބި ފާޑުކިޔުން މާބޮޑަށް އަމާޒުވުމުންނެވެ.